ޚަބަރު

އެފްޓީއޭއަކީ ދެ ލީޑަރުންގެ މެދުގައި ގާއިމު ކުރާ އެއްބަސްވުމެއް: ޗައިނާ

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރުމަށް ނިންމާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓް(އެފްޓީއޭ) އަކީ ދެގައުމުގެ ލީޑަރުންގެ ދެމެދުގައި ގާއިމްކުރާ އެއްބަސްވުމެއް ކަމަށް ޗައިނާއިން ބުނެފިއެވެ.

ޗައިނާ އާއި އެކު ރާއްޖެ އިން ސޮއިކުރާ އެފްޓީއޭ އާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ގެން ޝުއަން ބޭރުގެ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެފްޓީއޭއާ ދިމާލަށް ދެވުނީ ދިގު މުއްދަތެއްގެ މަޝްވަރާތަކަށް ފަހު ކަމަށެވެ.

ގެން ވިދާޅުވި ގޮތުގައި އެފްޓީއޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށާއި ސަރަހައްދުގެ ގައުމުތަކަށް ވެސް ވިޔަފާރީގެ ރޮނގުން ފައިދާވާނެ ކަމަށެވެ.

އެފްޓީއޭ އާއި ރާއްޖޭގެ ދިފާއުގައި ޗައިނާއިން ވާހަކަ ދައްކާފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެފްޓީއޭގެ ސަބަބުން ރާއްޖެ، ޗައިނާ އަށް އިތުރަށް ދަރަނިވެރިވާނެ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޗައިނާގެ ބައެއް ނޫސްތަކުގައި ވެސް ވަނީ އެފްޓީއޭ އަށް ތާއީދުކޮށް ލިޔެފައެވެ. އެގޮތުން ގްލޯބަލް ޓައިމްސްގައި ލިޔެފައިވަނީ، އެފްޓީއޭ އަކީ ސިޔާސީ ކަމެއް ހިމެނޭ އެއްބަސްވުމެއް ނޫން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ލިބޭނެ ކަމަށް ޗައިނާގެ ނޫސްތަކުގައި ލިޔެފައިވެއެވެ.