އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްކޫޕް ކަންމަތި އަދި މަލްޓި ޖީނިއަސް ބައްދަލުކުރި މެޗު އެއްވަރުވެ ގޯލުގެ ތަފާތުން ސްކޫޕް ކަޓައިފިއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗު ނިމިގެން ގޮސްފައިވަނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މަލްޓި ޖީނިއަސްއެވެ. ނަމަވެސް ސްކޫޕުން ވަނީ ހާފު ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްފައެވެ.
ފަހު ހާފުގައި ދެޓީމުންވެސް އިތުރު ދެލަނޑު ޖަހާފައިވާއިރު މެޗުގެ އެންމެ ފަހު ސިކުންތު ކޮޅާއި ހަމައަށްވެސް މެޗުގެ ފޯރި ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
ނަމަވެސް މެޗު އެއްވަރުވެ ޕޮއިންޓުގެ ގޮތުން ދެޓީމު ހަމަހަމަވުމުން ދެން ޖެހުނީ ގޯލުގެ ތަފާތަށް ބަލާށެވެ. ގޯލުގެ ތަފާތުން ސްކޫޕް ކަންމަތި ފަހަތަށް ވެއްޓިފައިވާއިރު މަލްޓި ޖީނިއަސް ވަނީ ސެމީގެ ފަހު ޖާގަ ކަށަވަރުކޮށްފައެވެ.
ގްރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ގޮސްފައިވަނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން، އެފްސީ އުސްގަނޑައެވެ. އަދި ދެވަނަ ޓީމުގެ ގޮތުގައި ދަތުރުކުރީ އެންމެ ފަހުގެ ޗެމްޕިއަން ސުއްޓާލައިނެވެ. ގްރޫޕު ބީގެ އެއްވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކުރި އެފްސީ ބޭރުމަތިއެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ބައްދަލުކުރާނީ އެފްސީ އުސްގަނޑަ އަދި މަލްޓި ޖީނިއަސްއެވެ. މިމެޗު ފެށޭނީ ހަވީރު 4:15 ގައެވެ.