ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވި ނަމަވެސް އެބޭފުޅާއަށް ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަނުން ޖާގައެއް ނެތްކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
މުސްތަފާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އުމަރު ޖޭޕީ އާއި ގުޅިވަޑައިގެންނެވުމަކީ ހުއްޓުވޭނެ ކަމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުގެ ތެރެއިން އުމަރަށް ޖާގައެއް ނޯންނާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
މީގެ އިތުރުން މުސްތަފާ ވިދާޅުވީ އިދިކޮޅު ކޯލިޝަނުގެ ތެރެއިން ރައީސް ޔާމީންގެ އެޖެންޓަކަށް ވެސް ޖާގައެއް ނޯންނާނެ ކަމަށެވެ.
އުމަރު ނަސީރު ޖޭޕީ އާއި ގުޅިވަޑައިގަތުމަށް ނިންމުމާއި ގުޅިގެން މުސްތަފާގެ އިތުރުން ސިޔާސީ ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. އަދި އުމަރު 2018ގައި ޖޭޕީ ޓިކެޓްގައި ވާދަކުރައްވާނެ ކަމުގެ އަޑުތައް ވެސް މިހާރު ދަނީ ފެތުރެމުންނެވެ.