ޚަބަރު

"ދަރި އަތު ނުޖެހިއްޖެއްޔާ ބައްޕަ، ބައްޕަ އަތު ނުޖެހިއްޖެއްޔާ ދަރި"

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން ފުލުސް އޮފީހަށް ހާޒިރުކުރަން ނިންމުމާއި ގުޅިގެން އެކަމާއި މެދު ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު ނިޒާރު ފާޑުވިދާޅުވެއްޖެއެވެ.

ނިޒާރު ކުރެއްވި ޓްވީޓެއްގައި ސިފަކުރައްވާފައިވާ ގޮތުގައި މަހްލޫފްގެ ބައްޕަ ފުލުހަށް ހާޒިރުކުރަނީ މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވި މަހްލޫފް އަތުނުވެގެންނެވެ.

"ދަރި އަތު ނުޖެހިއްޖެއްޔާ ބައްޕަ، ބައްޕަ އަތު ނުޖެހިއްޖެއްޔާ ދަރި" ކަމަށް ވިދާޅުވެ ނިޒާރު ކުރެއްވި ޓްވީޓްގައި ވަނީ މަހްލޫފް އާއި ފާރިސް މައުމޫން ޓެގް ކުރައްވާފައެވެ.

ރައީސް މައުމޫންގެ ދަރިކަލުން ފާރިސްގެ މައްޗަށް 2 ދައުވާ އެއް އުފުލާފައިވާއިރު އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުން ގެންދަނީ އެއީ ރައީސް މައުމޫނަށް ބިރު ދެއްކުމަށް ކުރާ ދައުވާތަކެއް ކަމަށެވެ.

މީގެ އިތުރުން ދުއާކޮށްގެން މަހްލޫފްގެ ބައްޕަ ހައްސާން ހައްޔަރުކުރުމަކީ މަހްލޫފަށް ބިރު ދެއްކުމަށް ކުރާ އަމަލެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.