ޔުއެފާ ޗެމްޕިއަންސްް ލީގުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތައް ރޭ ކުޅެފައިވާއިރު އިނގިރޭސި ފަސް ޓީމުވެސް ވަނީ ދެވަނަ ބުރަށް ގޮސްފައެވެ.
ކުޅުނު ގްރޫޕުތަކުގެ އެއްވަނައިގައި މެން ޔުނައިޓެޑާއި، ސިޓީ އަދި ލިވަޕޫލާއި ޓޮޓެންހަމްވެސް ދެވަނަ ބުރަށް ގޮސްފައިވާއިރު ޗެލްސީ ގޮސްފައިވަނީ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
ލިވަޕޫލް އަދި ސްޕާޓަކް މޮސް ބައްދަލުކުރި މެޗުގައި ލިވަޕޫލް ވަނީ ސްޕާޓަކް ކޮޅަށް 7 ލަނޑު ޖަހާފައެވެ. މެޗު 0-7 އިން ލިވަޕޫލް ކާމިޔާބުކުރިއިރު ކްލޮޕްގެ ޓީމު ވަނީ އެންމެ ފަހަކަށް ކުޅުނު 9 މެޗުން 32 ލަނޑު ޖަހާފައެވެ.
ރޭގެ މެޗުގައި ކޫޓީނިއޯ ހެޓްރިކް ހަދާފައިވާއިރު މަނޭ ވަނީ ދެ ލަނޑު ޖަހާފައެވެ. ފިރްމީނޯ އަދި ސަލާހްވެސް ލިވަޕޫލުގެ ލަނޑު ފެސްޓުގައި ބައިވެރިވެފައިވާއިރު މިއީ 2008 ވަނަ އަހަރަށްފަހު ލިވަޕޫލް ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖު ފަހަނަޅައި ދިޔަ ފުރަތަމަ ފަހަރެވެ.
މެޗުގެ ކުރިންވެސް މެން ސިޓީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ގޮސްފައިވި ނަމަވެސް ފަހު މެޗުގައި ސިޓީ ވަނީ ބަލިވެ، ސީޒަނުގެ ފުރަތަމަ ބައްޔާ ކުރިމަތިލާން ޖެހިފައެވެ. ޝާޚްތާރް ޑޮނެސްކްއާ ކުޅުނު މެޗުން ސިޓީ ބަލިވެފައިވަނީ 1-2 އިންނެވެ. ޝާޚްތާރުން ދެ ގޯލު ޖަހާފައިވަނިކޮށް 90 ވަނަ މިނެޓުގައި އަގުއޭރޯ ވަނީ ޕެނަލްޓީއެއް ޖަހާފައެވެ.
ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ފަސޭހަކަމާއެކު 0-3 އިން އެޕޯލް ބަލިކޮށްފައެވެ. ލޮރެންޓޭ، ސޮންގެ އިތުރުން ންކޫޑޫ ސްޕާސްއަށް ލަނޑު ޖަހާދީފައިވާއިރު ސްޕާސް ވަނީ ލީގުގައި ދައްކަމުން އަންނަ އާދައިގެ ކުޅުމުގެ ސަބަބުން ލީގު ތާވަލުގެ ހަތްވަނަ އަށް ވެއްޓިފައެވެ.
ނަމަވެސް ޗެމްޕިއަންސް ލީގުގެ އެންމެ ވާދަވެރި ގްރޫޕުގެ އެއްވަނަ ސްޕާސް ވަނީ ނަގާފައެވެ. ދެވަނައަށް ދިޔައީ ރެއާލް މެޑްރިޑެވެ. ރެއާލް ވަނީ ރޭ ބޮރޫޝިޔާ ޑޯޓްމަންޑް 2-3 އިން ބަލިކޮށްފައެވެ. ރެއާލްގެ ލަނޑުތައް ފެނިގެން ގޮސްފައިވަނީ އުއްމީދީ ކުޅުންތެރިޔާ، މަޔޮރާލް އަދި ރޮނާލްޑޯގެ އިތުރުން ލޫކަސް ވަޒްކޭޒްގެ ފަރާތުންނެވެ. ޑޯޓްމަންޑްގެ ދެ ލަނޑުވެސް ޖެހީ އައުބަމަޔެންގްއެވެ.