އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިއްޔެ ފަލަސްތީނުގެ މާތް ބިން، ޤުދުސްއަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުމުން ރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގުޅުމަށް ބީރައްޓެހިކަމެއް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޑިފެންސް މިނިސްޓަރ، އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
ނަމަވެސް އެގުޅުން ކެނޑިގެންދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް އާދަމް ޝަރީފް އިތުރުކޮށްފައިވެއެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން، ޚާއްސަކޮށް މުސްލިމް ދައުލަތްތަކުން އެމެރިކާގެ މިނިންމުން އެއްވެސް ވަރަކަށް ގަބޫލުކޮށްފައިނުވާއިރު، އެކަނި އެއް ގައުމަކުން ނިންމި ބައިނަލްއަގުވާމީ ގަވާއިދުތަކާ ޚިލާފު ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.
މިނިންމުމަށް ފާޅުގައި ގޮންޖަހާފައިވާ ގައުމުތަކުގެ ތެރޭގައި ފަލަސްތީނާއި ތުރުކީ އަދި އުރުދުން ހިމެނެއެވެ. ފަލަސްތީނުގެ ރައީސްގެ ތަރުޖަމާނު ވަނީ މިނިންމުމުގެ ސަބަބުން ފަލަސްތީނާއި އިޒުރޭލުގެ ދެމެދުގައި ކުރިއަށްދާ ސުލްހައިގެ މަސައްކަތް ނިމިގެންދާނެ ކަމަށް އިންޒާރުދީފައެވެ.
ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގެ ހުރިހާ ޕާޓީއެއްގެ އިއްތިފާގުން ވަނީ އެމެރިކާގެ ނިންމުން ބަލައިނުގަންނަ ކަން އިއުލާންކޮށްފައެވެ. އަދި ތުރުކީގެ ރައީސާއި އުރުދުންގެ ރައީސް ވަނީ މިނިންމުމާއި ދެކޮޅަށް މަސައްކަތް ކުރުމަށް ގުޅިވަޑައިގެންފައެވެ.
އިސްލާމީ ދައުލަތްތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މިނިންމުމަކީ މިހާރުވެސް މެދުއިރުމަތީގެ ރަށްތަކުގައި ހަމަނުޖެހުން ބޮޑުވެފައިވާއިރު މިނިންމުމުގެ ސަބަބުން އެހިސާބުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.