ޚަބަރު

"މިއީ އިންވެސްޓް ކުރަން އެންމެ މުނާސަބު ވަގުތު"

ދިވެހި ރާއްޖޭގައި އިންވެސްޓުކުރުމަށް އެންމެ މުނާސަބު ވަގުތަކީ މިއީ ކަމަށާއި މިހާރުވެސް އެތައް ބަޔަކު އިންވެސްޓު ކުރަން ޝައުގުވެރިކަން ހުށައަޅާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ދެކަނބަލުން ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޗައިނާ އެމްބަސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައިވަނީ ރާއްޖޭގައި އިންވެސްޓު ކުރަން ޝައުގުވެރިކަން ހުށައަޅާ ފަރާތްތައް އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށެވެ.

އަދި ދިވެހި ސަރުކާރުން އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި އެކަމަށް ރައީސް ޔާމީން ވަނީ ހިތްވަރުދެއްވާފައެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓްތަކަށް ޚާއްސަ އިސްކަމެއް ދީގެން ރާއްޖެއިން މަރުހަބާ ކިޔާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މިސަރުކާރުން ހުޅުމާލެ ޔޫތު ސިޓީއަކަށް ބަދަލުކުރަމުން އަންނަ ކަމަށާއި ސަރުކާރުން ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި ސަރަހައްދެއް ތަރައްގީ ކުރުމަށްވެސް އަމާޒު ކޮށްފައިވާ ކަމަށް ރައީސް ޔާމީން ވަނީ މިބައްދަލުވުމުގައި ވިދާޅުވެފައެވެ.

ރާއްޖޭގެ އިގްތިސޯދަށް ހެޔޮ ބަދަލެއް ގެނައުމަށް ޗައިނާ ސަރުކާރުން ދެއްވާ އަހައްމިއްޔަތަށް ރައީސް ޔާމީން ވަނީ ޝުކުރު އަދާކުރައްވާފައެވެ. ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވި މިބައްދަލުވުމުގައި ރައީސް ޔާމީން ވަނީ ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.