ޚަބަރު

ޓްރަމްޕްގެ ނިންމުން ސައުދީ އަށް ކަމަކު ނުދިޔަ

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިޒުރޭލުގެ ވެރިރަށަކަށް ޤުދުސް ހެދުމަށް ނިންމި ނިންމުން ސައުދީ އަރަބިއްޔާއިންވެސް ބަލައިނުގަނެ ކުށްވެރިކޮށްފި އެވެ.

މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ލޭބެލް ވެފައިވާ ސައުދީ އަރަބިއްޔާއިން ވަނީ ޓްރަމްޕްގެ ނިންމުމަކީ ހަމަހަމަ ކަމެއް ނެތް، ޒިންމާދާރުކަން ކުޑަ ނިންމުމެއް ގޮތުގައި ސިފަކޮށްފައެވެ. މީގެ އިތުރުން އދ ގެ ސެކިއުރިޓީ ކައުންސިލްގެ 15 މެމްބަރުންގެ ތެރެއިން 8 މެމްބަރަކު ވަނީ މިނިންމުމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ކުއްލި ބައްދަލުވުމަކަށް ގޮވާލާފައެވެ.

އިއްޔެ ޓްރަމްޕް އިޒުރޭލާ ގުޅޭގޮތުން ނިންމި ނިންމުމުގެ ސަބަބުން މުޅި ދުނިޔެއާއި މުސްލިމް ގައުމުތަކަށް ވަނީ ސިހުމެއް ލިބިފައެވެ. ގިނަ ބަޔަކު ޓްރަމްޕުގެ ނިންމުމާ ދެކޮޅު ހަދައި، ކުށްވެރިކުރަމުން ދާއިރު އެ ނިންމުމަށް ތާއީދުކޮށްފައިވަނީ އިޒުރޭލުން އެކަންޏެވެ. އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތެންޔާހޫ ވަނީ އެނިންމުމަކީ ވަރަށް ތާރީޚީ ނިންމުމެއް ކަމަށާއި ކުރުން ލަސްވެފައި އޮތް ކަމެއް ކަމަށް ބުނެފައެވެ.

އިޒުރޭލުގެ ވެރިރަށަށް ޤުދުސް ހެދުމަށް ނިންމައި، ޓްރަމްޕް ވަނީ އެމެރިކާ އެމްބަސީވެސް ޤުދުސްއަށް ބަދަލުކުރުމަށް ގޮވާލާފައެވެ. ޓްރަމްޕް ބުނެފައިވަނީ އޭނާގެ ނިންމުމަކީ އެމެރިކާއާއި އިޒުރޭލު އަދި މެދުއިރުމަތީގެ ހަމަޖެހުން ގާއިމުކުރުމަށްވެސް އެންމެ އެކަށީގެންވާ ނިންމުން ކަމަށް ގަބޫލު ކުރާ ކަމަށެވެ.

ނަމަވެސް އެ ނިންމުމުގެ ސަބަބުން މިހާރުވެސް އެތައް ހަމަނުޖެހުމެއް ހިނގަމުން އަންނަ މެދު އިރުމަތީގައި އިތުރު ހަމަނުހުންތައް އުފެދުމާއި، މުސްލިމް ގައުމުތަކާއި އިޒުރޭލާ ދެމެދު ހަނގުރާމައެއް އުފެދިދާނެ ކަމަށް ބުނެ ދުނިޔޭގެ އެކިކަންކޮޅުތަކުގެ ލީޑަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެމެރިކާގެ ނިންމުމާ ދެކޮޅަށް މަސައްކަތް ކުރުމަށް މިހާތަނަށް ތުރުކީ އާއި އުރުދުން އަދި އިރާޤް ފަދަ މެދުއިރުމަތީގެ ބާރުގަދަ ގައުމުތައް ވަނީ މަސައްކަތް ފަށާފައެވެ. ޤުދުސްގައި އެއްވެސް ގައުމެއްގެ އެމްބަސީއެއް ނުހުރެއެވެ. އެމެރިކާއާއި އިތުރު 85 ގައުމެއްގެ އެމްބަސީ މިހާރުވެސް ހުންނަނީ އިސްރާއީލުގެ ޓެލް އަވީވްގައެވެ.