ރާއްޖޭގެ ޤާނޫނީ ހަމަތަކާ އެއްގޮތްވާ ގޮތަށް، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ޙައްޤުތައް ރައްކާތެރި ކުރެއްވުމަށް ސަރުކާރުން އަބަދުވެސް ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށް ރައީސް ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، ބަންގްލަދޭޝްގެ މިނިވަން ދުވަހާއި ޤައުމީ ދުވަހުގެ މުނާސަބަތުގައި، ރޭ ދަރުބާރުގޭގައި ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީގެ އެންމެ ބޮޑު ބައެއް ޙިއްޞާ ކުރަނީ ބަންގްލަދޭޝްގެ ރައްޔިތުންކަން ފާހަގަ ކުރައްވަމުން، ބިދޭސީންނަށް މަސައްކަތް ކުރާނެ ރަނގަޅު ވެށްޓެއް ޤާއިމްކޮށް ދިނުމަށާއި، އެ މީހުންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ހުރިހާ ފަރާތްތަކުން މަސައްކަތް ކުރުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، ޒަމާނީ ޑިމޮކްރަސީއަކަށްޓަކައި ކުރަމުންދާ މަސައްކަތުގައި، ބަންގްލަދޭޝާއި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކުގެ ތަޖުރިބާ އިން ފިލާވަޅު ލިބިގަތުން މުހިންމު ކަމުގައި ވިދާޅުވި އެވެ.
ރާއްޖެ އާއި ބަންގްލަދޭޝާ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް އަލި އަޅުއްވައި ލައްވަމުން، ދެ ޤައުމުގެ ގުޅުން އިތުރަށް ރަނގަޅުކޮށް ވަރުގަދަ ކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އަދި ބަންގްލަދޭޝް ސަރުކާރުން ދިވެހި ރާއްޖެއަށް އަބަދުވެސް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވި އެވެ.