އަނޫރާގް ކެޝަޕްއަކީ ބޮލީވުޑްގައި ވަރަށް ތަފާތު އާދަޔާޚިލާފު މޮޅެތި ފިލްމްތައް އުފެއްދުމަށް މަޝްހޫރު ޑައިރެކްޓަރެކެވެ. އެގޮތުން އަނޫރާގް މިހާރު ވަނީ އޭނާގެ އާ ފިލްމް "މުއްކަބާޒް" ގެ ޓްރެއިލާ ދައްކާލައިފައެވެ.
ކުޅިވަރާއި ސިޔާސީ ކަންތައްތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމްގެ ޕޯސްޓަރު މި މަހުގެ ކުރީކޮޅު ރިލީޒް ކުރުމަށް ފަހު، މިހާރު ފިލްމްގެ ޕްރޮޑިއުސަރުން ވަނީ ފިލްމްގެ ރަސްމީ ޓްރެއިލާ ވެސް އާންމުކޮށްފަ އެވެ.
ޓްރެއިލާ އިން ފެނިގެންދާ ގޮތުގައި މި ފިލްމަކީ ސަމަން ސިންގް (ވިނީތު ކުމާރް ސިންގް) އާއި ސުނެއިނާ (ޒޯޔާ ހުސެއިން) ގެ ލޯބީގެ ވާހަކަ އެވެ. އުއްތަރް ޕްރަދޭޝް އަށް ސެޓްކޮށްފައިވާ މި ފިލްމްގައި ވިނީތު އާއި ޒޯޔާގެ އިތުރުން ޖިމީ ޝެރްގިލް ވެސް ފެނިގެން ދާނެ އެވެ.
ލަފާ ކުރެވޭ ގޮތުގައި މި ފިލްމް ވެގެންދާނީ އަނޫރާގް ކަޝްޔަޕްގެ ކުރީގެ ފިލްމްތަކާ ވަރަށް ތަފާތު ފިލްމަކަށެވެ.
"މުއްކާބާޒް" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ ޖެނުއަރީ، 12، 2018 ގަ އެވެ.