އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އާއި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރްމާ އަންނަ ހަފުތާގެ ތެރޭގައި ކައިވެނި ކުރަން އުޅޭ ކަމަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އަނުޝްކާގެ ތަރުޖަމާން ދޮގުކޮށްފި އެވެ.
މި މަހުގެ 12 ވަނަ ދުވަހު އިޓަލީގެ މިލާންގައި އެ ދެ މީހުން ކައިވެނި ކުރަން އުޅޭ ކަމަށް ބުނެ އިންޑިއާގެ މިޑީއާތަކުން އިއްޔެ އިން ފެށިގެން ފަތުރަމުންދާ ހަބަރުތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ވެސް ތަރުޖަމާން ބުންޏެވެ.
ނަމަވެސް ރޭގެ ވަގުތެއްގައި އަނުޝްކާ އާއި އޭނާގެ އާއިލާގެ މީހުން ފުރަން އެއާޕޯޓަށް ގޮސްފައި ތިއްބައި ވަނީ ފެނިފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން މި މަހުގެ 12 ވަނަ ދުވަހު ވިރާޓްގެ ވަރަށް ގާތް ރަހުމަތްތެރިންތަކެއް ވެސް ތިބޭނީ އިޓަލީގަ އެވެ.
ނަމަވެސް އިޓަލީގައި އޮންނާނީ އޭނާ އާއި އަނުޝްކާގެ ކައިވެނިތޯ ނުވަތަ އެންގޭޖްމެންޓްތޯ ކަށަވަރު ނުވާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.
ރިޕޯޓްތައް އަދި ބުނާ ގޮތުން އިޓަލީގައި އޮންނަ ހަފުލާ އަށް އަނުޝްކާ ލާނެ ހެދުން ވެސް މިހާރު ވަނީ ޑިޒައިންކޮށްފަ އެވެ. އަދި އެއީ މަޝްހޫރު ޑިޒައިނަރު ސަބިޔަސާޗީ މުކަރްޖީ ކަމަށްވެ އެވެ.
އަނުޝްކާ އާއި ވިރާޓްގެ ކައިވެނީގެ ވާހަކަ ތަރުޖަމާން ދޮގު ކުރި ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުން ވިރާޓްއާ އެކު ކްރިކެޓް ކުޅޭ ކުޅުންތެރިންނަށް މުމްބާއީގައި މި މަހުގެ 23 ގައި ބާއްވާ ރިސެޕްޝަނަކަށް ދައުވަތު ދޭން ވެސް ހަމަޖެހިފަ އެވެ.
އަނުޝްކާ މިހާރު އަންނަނީ ޝާހްރުކް ހާނާ އެކު އާނަންދް އެލް ރާއީގެ ފިލްމާއި އޭނާ ޕްރޮޑިއުސް ކުރާ ތިން ވަނަ ފިލްމް "ޕަރީ" ގެ މަސައްކަތް ކުރަމުންނެވެ.