މޯލްޑިވްސް އިންޑެޕެންޑެންޓުގައި މަސައްކަތް ކުރަމުންދިޔަ ނޫސްވެރިޔާ، އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުނާ ދެކޮޅަށް 29 ހެކި ލިބިފައިވާ ކަމަށް ދައުލަތުން ކޯޓުގައި މިއަދު ބުނެފިއެވެ.
މިމައްސަލާގައި ބޭއްވުނު އިބްތިދާއީ އަޑުއެހުމުގައި ދައުލަތުން ވަނީ ރިޟްވާން ގެއްލުވާލި ކަމަށް ބާރުލިބިދޭ 29 ހެކި އެސިސްޓެންޓް ޕްރޮސެކިއުޓާ ޖެނެރަލް ހުސެން ނާޝިދު ވަނީ ކޯޓުގައި ކިޔާދީފައެވެ.
ދައުލަތުން ރިޟްވާން ގެއްލުވާލި ކަމަށްބުނެ ދައުވާ އުފުލާފައިވަނީ ތިން މީހަކާއި ދެކޮޅަށެވެ. އެއީ ސ. ހުޅުދޫ އަތިރީއާގޭ މުހައްމަދު ސުއައިދުއާއި ގދ. ވާދޫ ކަރަންކާގޭ މުހައްމަދު ނޫރައްދީންގެ އިތުރުން ހ. ހިލްޓަން އަހުމަދު އާލިފް ރައޫފްއެވެ. ނަމަވެސް މިތިން މީހުންގެ ތެރެއިން މުހައްމަދު ސުއައިދު ކޯޓަށް ހާޒިރުކުރުމަށް ޗިޓު ފޮނުވުމުން އާއިލާއިން ވަނީ އޭނާ ވަނީ ރާއްޖެއިން ބޭރުގައި ކުރި ހަނގުރާމައެއްގައި މަރުވެފައިވާ ކަމަށް ބުނެފައެވެ.
ދައުލަތުން މިތިން މީހުނާ ދެކޮޅަށް އުފުލާފައިވާ ހެކިތަކުގެ ތެރޭގައި ރިޟްވާން ވަގަށް ނެގި ކަމަށް ބުނާ ދުވަސް، އޯގަސްޓު 7 2014 ގައި ރިޟްވާން މާލެއިން ހުޅުމާލެއަށް ދިޔަ މަންޒަރު ދައްކުވައިދޭ ސީސީޓީވީ ފުޓޭޖް ހުށައަޅާފައިވެއެވެ. މީގެ އިތުރުން ސިއްރު ހެކިވެސް ހިިމެނޭ ކަމަށް އޭޕީޖޭ ވިދާޅުވިއެވެ.
އެއް ސިއްރު ހެއްކަކީ އެރޭ ރިޟްވާން މާލެއިން ހުޅުމާލެއަށް ދިޔަ ފެރީގައި ހުރި މީހެއް ކަމަށް އޭޕީޖޭ ނާޝިދު ބުނެފައިވެއެވެ. އަދި ދެވަނަ ސިއްރު ހެއްކަކީ އެރޭ ހުޅުމާލޭގައި ގަދަކަމުން ކާރަކަށް މީހަކު އެރުވި ކަމާއި އެތަނުން ދޮން ކުލައިގެ އެއްޗެއް ފެނުނުކަމުގެ މައުލޫމާތު ލިބުމުން އެތަނަށް ދިޔަ މީހެކެވެ. އޭނާ ވަނީ އެތަނުން ވަޅިއެއްވެސް އޭނާއަށް ފެނިފައިވާ ކަމަށް ތަހުގީގުގައި ބުނެފައެވެ.
ތިންވަނަ ސިއްރު ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވަނީ މީހަކު ބާރަށް ހަޅޭއްލެވި އަޑު އިވިގެން ގޭގެ ބެލްކަނީ މަތިން ބެލިއިރު ކާރަކަށް ގަދަކަމުން މީހަކު އަރުވަނިކޮށް ފެނުނު މީހެކެވެ. އެމީހާ ވަނީ އެކާރުގެ ފަހަތު ދޮރު ހުޅުވިފައި ހުރި ތަނާއި ދޮރުން ބޭރަށް މީހަކު އަތް ދިއްކުރިތަން ފެނުނު ކަމަށް ކިޔާދީފައެވެ.
އިތުރު ހަތަރު ސިއްރު ހެކީންވެސް ހުށައަޅާފައިވާއިރު އޭގެ ތެރެއިން ތިން ހެކިވެރިންނަކީ ގަދަކަމުން މީހަކު ކާރަށް އެރުވިތަން ފެނުނު ތިން މީހުންނެވެ. ތިން މީހުނަށްވެސް އެމަންޒަރު ފެނުނީ ގޭގެ ބެލްކަނީ މަތިން މަގުމައްޗަށް ބެލުމުންނެވެ. އަދި ހަތަރުވަނަ މީހާއަކީ އެރޭ ރިޟްވާން ދިރިއުޅުނު ތަން ކައިރިން ވަރަށް ބާރަށް މީހަކު "އޭ އޭ އޭ" ކިޔައި ގޮވި އަޑު އިވުނު މީހެއް ކަމަށްވެސް އޭޕީޖީ ބުނެފައިވެއެވެ.
ދައުލަތުން ދައުވާ ސާބިތުކުރުމަށް ވަނީ ރިޟްވާނުގެ އާއިލާގެ އެއްވެސް މެމްބަރަކު ހެކިން އެބުނާ ރަތް ކާރުން ދަތުރުކޮށްފައިނުވާނެ ކަން ސާބިތުކުރުމަށް ރިޟްވާނުގެ މަންމައާއި ތިން ބޭބެއަކާއި ހަތަރު ދައްތައެއްވެސް ވަނީ ހެކިންގެ ގޮތުގައި ހުށައަޅާފައެވެ. އަދި ފުލުހުންގެ ތަހުގީގުން އެ ރަތް ކާރުން އިސްތައްޓެއް ފެނި، އެ ޑީއެންއޭ ޓެސްޓުކުރުމުން ރިޟްވާންގެ މަންމަގެ ޑީއެންއޭއާ ދިމާވެފައިވާތީ، އެޑީއެންއޭ ރިޕޯޓުވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށައަޅާފައެވެ.
މީގެ އިތުރުން ދައުވާ ލިބޭ ތިން ފަރާތުގެ ތެރެއިން ދެފަރާތުން، ނޫރައްދީނާއި އާލިފް، ދިން ބަޔާންވެސް ދައުލަތުން ވަނީ ކޯޓުގައި ހެކީގެ ގޮތުގައި ހުށައަޅާފައެވެ. ދެމީހުން ތަހުގީގަށް ދިން ބަޔާނުގައި 2014 ވަނަ އަހަރުގެ ޖުލައި މަހު ހެކީން އެބުނާ ރަތް ކާރު މާލެއިން ހުޅުމާލެއަށް ގެނެސްފައިވެއެވެ. ކާރަކީ އާލިފްގެ ކާރެއް ނަމަވެސް ކާރު ހުޅުމާލެއަށް ފޮނުވީ ނޫރައްދީން ދުއްވުމަށް ކަމަށް ދެމީހުން ދިން ބަޔާނުން އެނގިފައިވެއެވެ.
ދައުލަތުން ވަނީ ކާރަކީ މާލެއިން ހުޅުމާލެއަށް ގެންދިޔަ ކާރެއް ކަމާއި 2014 ވަނަ އަހަރު އޯގަސްޓު މަހުގެ 13 ވަނަ ދުވަހު ކާރު އަނބުރާ މާލެ ގެނެސްފައިވާކަން ސާބިތުކުރުމަށް 7 ހެކީން ހުށައަޅާފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ ކާރު ގެންދިޔަ ދޯނީގެ މީހުންނެވެ. އަދި ހުޅުމާލޭގައި ނޫރައްދީން ކާރު ދުއްވާފައިވާކަން ސާބިތުކުރުމަށްވެސ ދެ ހެކީން ހުށައެޅުމަށް ދައުލަތުން ވަނީ ނިންމާފައެވެ.
ނަމަވެސް ދައުވާ ރައްދުވާ ނޫރައްދީނާއި އާލިފް ވަނީ ދައުވާ ސާފު ނުވާ ކަމަށް ކޯޓުގައި ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ. އަދި އެދެމީހުންގެ ވަކީލު ވަނީ ދައުލަތުން ހުށައެޅި ހެކީގައި އެދެމީހުން ކުރި އަމަލެއް ސާބިތުވާ ވަރުގެ ހެއްކެއް ނެތް ކަމަށް ބުނެފައެވެ. ހެކިން އެބުނާ ރަތް ކާރަށް ގަދަކަމުން އެރުވީ ރިޟްވާން ކަން ޝައްކެއް ނެތް ވަރަށް ބުނަން އެނގޭ މީހެއް ނެތް ކަމަށާއި ރިޟްވާން ގަދަކަމުން ކާރަށް އެރުވީ ނޫރައްދީނާއި އާލިފް ކަން ޝައްކެއް ނެތް ވަރަށް ބުނަން އެނގޭ މީހެއްވެސް ނެތް ކަމަށް ދިފާއި ވަކީލު، ނޫރުއްސަލާމް ވަނީ ބުނެފައެވެ.
އަދި އެރޭ ހެކީންނަށް މީހަކު ގަދަކަމުން ކާރަކަށް އެރުވި މަންޒަރު ފެނުނު ކަމަށް ބުންޏަސް ކާރުގެ ތަފްސީލެއްވެސް ދީފައިނުވާ ކަމަށް ދިފާއުގައި ވަކީލު ވަނީ ބުނެފައެވެ. ގާޒީ އަޑުއެހުން ނިންމަވާލެއްވީ ދިފާއުން ދެއްކި ވާހަކަތަކަށް ޖަވާބުދާރީ ވުމަށް ދައުލަތަށް ފުރުސަތު ދިނުމަށްފަހުގައެވެ.
މިމައްސަލާގައި ދައުވާ ލިބޭ ތިންވަނަ މީހާ، ސ. ހުޅުދޫ އަތިރީއާގެ، މުހައްމަދު ސުއައިދުއަކީ ރިޟްވާން ވަގަށް ނެގުމުގައި ފާރަލަމުން ދިޔަ މީހާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާ ރިޟްވާނަށް ފާރަލަމުންދިޔަ ތަން ސީސީޓީވީ ފުޓޭޖުތައް ބެލުމުން ފެންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަނީ ރިޟްވާން ވަގަށް ނެގިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ހަނގުރާމައަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާފައެވެ. އާއިލާއިން މިހާރު ބުނަނީ އޭނާ ވަނީ މަރުވެފައި ކަމަށް ކޯޓުން ބުނެފައިވެއެވެ.