Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

ސެމީގެ ފުރަތަމަ މެޗް އެއް ހިސާބެއްގެ ދެ ޓީމެއްގެ ކުރިމަތިލުމަކަށް

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗްގައި ފެނިގެން ދާނީ އެއް ހިސާބަކަށް ނިސްބަތްވާ ދެ ޓީމުގެ ކުރިމަތިލުމެކެވެ. އުސްގަނޑަ އެފްސީ އާއި މަލްޓި ޖީނިއަސް ސިޓީ އަކީ ހިތަދޫ ދެކުނު ދާއިރާއަށް ނިސްބަތްވާ ދެ ޓީމެވެ.

ހިތަދޫގެ މަޝްހޫރު "އުސްގަނޑަ" ހިސާބުގެ ދެ ޓީމެވެ. ބައެއް މީހުން މި ދެ ޓީމް ސިފަކުރަނީ އެއްބަނޑު އެއްބަފާ 2 ޓީމުގެ ގޮތުގައެވެ.

މަލްޓި ޖީނިއަސް

 

އައްޑޫގައި ފުޓްސަލް މުބާރާތެއް ނުވަތަ ފުޓްބޯޅަ މުބާރާތެއް ބާއްވާނަމަ އެ މުބާރާތެއްގައި މަލްޓި ޖީނިއަސް ސިޓީން ބައިވެރި ނުވާ ފަހަރެއް ނުދެއޭ ބުނުމަކީ ގޯހަކަށް ނުވާނެއެވެ. ޓީމުގެ މެނޭޖަރަކީ ޓީމުގެ މެނޭޖަރަކީ، ހިތަދޫގައި އެތައް ފުޓްބޯޅަ ޓީމެއް ގޮވައިގެން ނިކުމެ ކާމިޔާބު ހޯދާފައިވާ އަހުމަދު ނާޒިމް (ނާޒާ) އެވެ.


ޒެފިއާ ފުޓްސަލް ކަޕްގައި މަލްޓި ޖީނިއަސް ސިޓީ ލައްވާލީ ވާދަވެރި ގްރޫޕެއްގައެވެ. ގޯދިއްޔާ ފުޓްސަލް މުބާރާތައި 'ވަގުތު' ފުޓްސަލް މުބާރާތުގެ ޗެމްޕިއަން އެފްސީ ބޭރުމަތި އާއި އެއް ގްރޫޕެއްގައި ހިމެނި ސެމީގެ ޖަގައެއް މަލްޓި ޖީނިއަސް އިން ހޯދީ ގްރޫޕްގެ 2 ވަނަ ޓީމުގެ ގޮތުގައެވެ. މި ގްރޫޕްގައި ދެން ހިމެނުނު ސްކޫޕްކަންމަތި އާއި ޕޮއިންޓްގެ ގޮތުން އެއްވަރުވި ނަމަވެސް މަލްޓި ޖީނިއަސް އަށް ގްރޫޕްގެ 2 ވަނަ ލިބުނީ ފައިދާ ގޯލުންނެވެ.

މަލްޓި ޖީނިއަސްގެ އެންމެ މުހިއްމު ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ ފޭދޫ އަށް ނިސްބަތްވާ ތަޖުރިބާކާރު ކުޅުންތެރިޔާ އިބްރާހިމް މުހައްމަދު(އިއްބެ) އާއި މަރަދޫގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއާ އަހްމަދު ނާދިރު(ޗިޅާ) އަދި ފޭދޫ އަށް ނިސްބަތްވާ ޒުވާން ކުޅުންތެރިޔާ ސަޔަމް ސައީދެވެ.

ގްރޫޕް ސްޓޭޖްގައި މަލްޓި ޖީނިއަސް އިން ކުޅުނު މެޗްތަކުގެ ނަތީޖާ

މަލްޓި ޖީނިއަސް 1 އެފްސީ ބޭރުމަތި 5
މަލްޓި ޖީނިއަސް 8 އެފްސީ ފެލްކަންސް 3
މަލްޓި ޖީނިއަސް 6 ގައުމު އެފްސީ 2
މަލްޓި ޖީނިއަސް 3 އެފްސީ ސްކޫޕް ކަންމަތި 3

އެފްސީ އުސްގަނޑަ

އެފްސީ އުސްގަނޑަ އިން ސެމީގެ ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއި އެކުގައެވެ. އެ ޓީމުން 30 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ 7 ގޯލެވެ.

އެފްސީ އުސްގަނޑަ ޓީމުގެ ކުޅުންތެރިން.

ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައްޑޫގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާޒިމް ފައުޒީއެވެ. އަދި މީގެ އިތުރުން ވައިޑީޕީ ޕްރޮގްރާމުން ވިދާލި މުހައްމަދު އާލިފް ފަހުމީ(އާލިއްޕޭ) އަކީ ވެސް އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

މީގެ އިތުރުން ދެން އެ ޓީމުގައި ނަގާކިޔަން ތިބި ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި އަހުމަދު އިބްރާހިމް(ކޭޑީ) އަބްދުﷲ އިމްރާން އަދި މުހައްމަދު ރަފާހް(ޓޫޓޫ) ހިމެނެއެވެ. އެފްސީ އުސްގަނޑަ ޓީމުގެ ކޯޗަކީ މުހައްމަދު އަލްތާފް(އަލްޓީ) އެވެ.

ގްރޫޕް ސްޓޭޖްގައި އުސްގަނޑަ އިން ކުޅުނު މެޗްތަކުގެ ނަތީޖާ

އެފްސީ އުސްގަނޑަ 4 ސުއްޓާލައިން 3
އެފްސީ އުސްގަނޑަ 3 އެފްސީ އަފިރިން 1
އެފްސީ އުސްގަނޑަ 17 އެފްސީ ގައްލީޝާ 1
އެފްސީ އުސްގަނޑަ 6 އެފްސީ ކޮށިފަންނަ 2

 

ޒެފިއާ ފުޓްސަލް ކަޕް 2017ގެ ސެމީގެ ފުރަތަމަ މެޗްގައި އެފްސީ އުސްގަނޑަ އާއި މަލްޓި ޖީނިއަސް ބައްދަލުކުރާ މެޗް ފަށާނީ މިއަދު ހަވީރު 4 ޖަހާއިރުއެވެ. މިމެޗަށް ނިކުންނައިރު މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ރަނގަޅު ފޯމެއްގައި އޮތުމަކީ އެފްސީ އުސްގަނޑައަށް ލިބޭނެ އެޑްވާންޓޭޖެކެވެ.

އެހެން ނަމަވެސް މަލްޓި ޖީނިއަސް އިން ގްރޫޕް ސްޓޭޖްގައި ކުރި ހިތްވަރަށް ބަލާއިރު މިއަދުގެ މެޗު އުސްގަނޑައަށް ފަސޭހަ ވާނެ ކަމަކަށް ނުބެލެވެއެވެ.