ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބޭއިންސާފު ތަހައްމަލު ކުރަން ޖެހިފައިވާ ފަރާތްތަކުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުކުރު ނަމާދަށް ފަހު ސަރުކާރުގެ "އަނިޔާވެރިކަމާ" ދެކޮޅަށް ދުއާކުރަން ފެށުމުން އެކަން ހުއްޓުވަން ލައްކަ މަސައްކަތެއް ސަރުކާރުން އެބަ ކުރެ އެވެ.
ފުލުހުން މެދުވެރިކޮށް ސަރުކާރުގެ އަނިޔާވެރިކަމާއި ދެކޮޅަށް ދުއާކުރާ މީހުން ހައްޔަރުކޮށް ދުއާކުރުން ހުއްޓުވުމުގެ މަސައްކަތުގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އަދި ދުއާކޮށްގެން އެތައް ބަޔަކު ފުލުސް އޮފީހަށް ހާޒިރުކޮށްފައިވެއެވެ.
ބަދު ދުޢާކުރުމުގެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީ އާއި ރާއްޖޭގެ ބައެއް އިލްމުވެރިންގެ ޚިޔާލު ތަފާތެވެ. ޢިލްމުވެރިން ވިދާޅުވަނީ ބަދު ދުޢާއަކީ ވަރަށް ބާރުގަދަ ހަތިޔާރެއް ކަމަށާއި އަނިޔާވެރިންނަށް ބަދު ދުޢާކުރުމަކީ ދީނުގައި ހުއްދަ ކަމެއް ކަމަށެވެ.
"ތިޔަބޭފުޅުންނަށް ބަޔަކު އަނިޔާކުރާނަމަ ހަމަ ބަދު ދުޢާކުރުން ދީނުގައި ހުއްދަ. ހަމަ އެމީހަކަށް ލައުނަތް ލެއްވުމަށް ދުޢާކުރަމުންދާންވީ. ކޯޓަށް ގެންދިޔައީމަ ކޯޓުންވެސް އަނިޔާވެރިކޮށް ހުކުމްކުރާނަމަ ޤާޒީއަށްވެސް ހަމަ މަޑުމަޑުން ދުޢާކުރަންވީ. ﷲ މިވެނި މީހަކަށް ލައުނަތް ލައްވާންދޭ މިފަދައިން ހަމަ ދުޢާކުރަންވީ. މިއީ އޮތް ކަމެއް މިއީ ވަރަށް ބާރުގަދަ ހަތިޔާރެއް." ބަދު ދުއާ ކުރުމާއި ބެހޭގޮތުން ޝެއިޚް ޝުއެއިބު އަބްދުއްރަޙްމާން ވިދާޅުވެފައި ވެއެވެ.
އެހެން ނަމަވެސް އިސްލާމިކް މިނިސްޓްރީގެ ރައުޔަކީ ބަދު ދުއާކޮށްގެން ނުވާނެ ކަމެވެ. އަދި އެ މިނިސްޓްރީން ވަނީ އިސްލާމީ މަރުކަޒުގެ ބޭރުގައި ކޮންމެ ހުކުރު ދުވަހަކު ބަޔަކު ކުރާ ދުއާގައި ވަކި ބަޔަކާ ދެކޮޅަށް ބަދު ދުއާ ކުރާ ކަމަށާއި އެކަން އެގޮތަށް ކުރާ މީހުންނާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.
އިސްލާމިކް މިނިސްޓްރީން މިފަދަ އިންޒާރެއް ދިން އިރު ދައުލަތުގެ ވަޒީރުން ފަޚުރުވެރިކަމާއި އެކު ބަދު ދުއާކުރެއްވި ކަމަށް ވިދާޅުވެފައި އެބަހުއްޓެވެ.
އެގޮތުން 2013 ވަނަ އަހަރުގެ ތެރެގައި އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަލީ ސައީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބަދު ދުއާކުރެއްވި ކަމަށް ފާޅުގައި ވިދާޅުވެފައެވެ.

އިސްލާމިކް މިނިސްޓަރަކަށް ހުންނަވައި ޝަހީމު އެވާހަކަ ދެއްކެވި ނަމަވެސް ޝަހީމުގެ މައްޗަށް އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އަދި އޭރު އިސްލާމިކް މިނިސްޓްރީ އަކުން ބަދު ދުއާކުރުން ހުއްޓުވުމާއި ބެހެގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
ޝަހީމުގެ އިތުރުން 2016 ވަނަ އަހަރުގެ ތެރޭގައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޝްމަލީ، ސޯޝަލް މީޑީއާގައި ރައީސް ނަޝީދުއަށް ބަދު ދުއާ ކުރި މައްސަލައެއް ފެންމަތިވިއެވެ.
ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ރައީސް ނަޝީދު ލަންކާ އަށް ފުރާވަޑައިގެންނެވި ހަބަރު ޝެއާ ކުރެއްވުމަށްފަހު އަޝްމަލީ އޭނާގެ ފޭސްބުކް ޕޭޖްގައި ކުރެއްވި ކޮމެންޓެއްގައި ވިދާޅުވެފައި ނަޝީދު ދަތުރުކުރެއްވި ފްލައިޓް ކަނޑަށް ވެއްޓުމަށް އެދޭ ކަމަށެވެ.
އަޝްމަލީގެ ބަދު ދުއާތަކާއި ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކުރި ނަމަވެސް އެކަމާއި ގުޅިގެން އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އިސްލާމިކް މިނިސްޓްރީން އަދި ފުލުހުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ސުވާލަކީ ރާއްޖޭގައި ބަދު ދުއާކުރުން މައްސަލައަކަށް ވަނީ ވަކި ބައެއް ނުވަތަ ވަކީ މީހެއްގެ މައްޗަށް ކުރުމުން ހެއްޔެވެ؟
ރައީސް ޔާމީންގެ ސަރުކާރުގެ ވެރިންގެ މައްޗަށް ބަދު ދުއާކުރުން މަނާވެ އެކަން ކުރި މީހުންނާއި މެދު ފިޔަވަޅު އަޅާނަމަ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ބަދު ދުއާކުރި މައްސަލަ ވެސް ބަލަން ވާނެއެވެ.
ވަޒީރަކަށް ބަދު ދުއާކޮށްފައި ފަޚުރުވެރިކަމާއި އެކު އެވާހަކަ ދެއްކޭ ނަމަ އެކަން އާއްމު ރައްޔިތުންނަށް ވެސް ކުރެވެން ޖެހޭނެއެވެ.