Last Updated: June 16, 11:14
Tuesday, June 16, 2026
ޚަބަރު

ކްރިސްޓިއާނޯ ފަސްވަނަ ފަހަރަށް ބެލޮންޑިއޯ ހޯދައިފި

ދުނިޔޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔަކަށްދޭ ޝަރަފުވެރި މަގާމު، ބެލޯންޑިއޯ އެވޯޑް، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ފަސްވަނަ ފަހަރަށް ހޯދައި މެސީއާ އެއްވަރުކޮށްފި އެވެ.

މިދިޔަ އަހަރުވެސް މިއެވޯޑު ހޯދައި ރޮނާލްޑޯ ވަނީ މިހާރު 2008 ވަނަ އަހަރުން ފެށިގެން ފަސް އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ. އެންމެ ފުރަތަމަ މެންޗެސްޓާ ޔުނައިޓެޑުގައި ހުރިއިރު ރޮނާލްޑޯ މިއެވޯޑު ހޯދުމަށްފަހު ރެއަލް މެޑްރިޑަށް ބަދަލުވުމަށްފަހު ހަތަރު ފަހަރު އެވޯޑު ހާސިލުކޮށްފައިވެއެވެ.

ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ކާމިޔާބު ދެއަހަރަށް މިދިޔަ އަހަރާއި މިއަހަރު ވެފައިވާއިރު އޭނާ ވަނީ ޕޯޗުގަލްއަށް ޔޫރޯ ހޯދުމަށް އެހީތެރިވެފައެވެ. އަދި 16-2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި 17-2016 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ އިތުރުން މިދިޔަ ސީޒަނުގެ ލީގު ތަށި ރެއާލަށް ހޯދުމަށްވެސް އެހީތެރިވެދީފައެވެ.

އޭގެ ސަބަބުން އެވޯޑު ރޭގައި ދިނުމުގެ ކުރިންވެސް ވަރަށް ގިނަ ބަޔަކު ވަނީ މިއެވޯޑަކީ ރޮނާލްޑޯއަށް ލިބޭނެ އެވޯޑެއް ކަމަށް ކަށަވަރުކޮށްގެންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ 173 ނޫސްވެރިން މިއެވޯޑަށް ވޯޓު ދެއެވެ.

މިފަހަރުގެ އެވޯޑު ހާސިލުކުރުމަށްފަހު ރޮނާލްޑޯ ބުނެފައިވަނީ މިއީ އޭނާ ކޮންމެ އަހަރަކުވެސް އެންމެ ގަދައަޅާ މަސައްކަތް ކުރާ އެވޯޑު ކަމަށާއި ފަސްވަނަ ފަހަރަށް ހާސިލުވުމުން ވަރަށް އުފާވާ ކަމަށެވެ.