Last Updated: April 20, 13:37
Saturday, April 20, 2024
ދީން

މުސްލިމަކު "މަރާލައި އަންދާލި" ހިންދޫއަކު ހައްޔަރުކޮށްފި

އިންޑިއާގެ ހުޅަނގު ރާޖަސްތާން ސްޓޭޓްގައި މީހަކު މަރާލައި އެމީހާގެ ގައިގައި އަލިފާން ރޯކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.

އެއަށްފަހު އޭނާ ވަނީ އެ ހާދިސާގެ ވީޑިއޯއެއް އަޕްލޯޑް ކޮށްފައެވެ. އޭނާ އަޕްލޯޑް ކުރި ދެވަނަ ވީޑިއޯގައި ބުނެފައި ވަނީ އޭނާ އެކަންކުރީ މުސްލިމުންނާއި ދެކޮޅަށް ހިންދޫންގެ އިއްޒަތާއި ޤަދަރު ސަލާމަތްކުރަން ކަމަށެވެ.

ފުލުހުން ވަނީ އެ ޢަމަލު ހިންގި މީހާ އަކީ ހިންދޫއެއް ކަމަށާއި، އެ ހާދިސާގައި އޭނާގެ ޝިކާރައަކަށް ވެފައިވަނީ މުސްލިމް ފިރިހެނަކު ކަމަށް ބުނެފައެވެ.

ރާޖަސްތާންގެ ބައެއް ސަރަޙައްދުތަކުގައި އިންޓަނެޓްގެ ޚިދުމަތްތައް ވަނީ މެދުކަނޑާލާފައެވެ. އަދި އެ ވީޑިއޯ ޝެއާ ނުކުރުމަށް މީހުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން އެ ސްޓޭޓްގައި އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ގިނަ އަދަދެއްގެ ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ހިނގާފައި ވަނީ ކޮން އިރަކުކަން ނޭނގެއެވެ.

ޝަމްބޫ ލާލް އަޕްލޯޑްކުރި ވީޑިއޯގައި އޭނާ ވަނީ "އަހަރެމެންގެ ޤައުމުގަ 'ލޯބީގެ ޖިހާދް' ކުރާނަމަ ވާނީ މިހެން"، ކަމަށް ބުނެ މުސްލިމުންނަށް އިންޒާރު ދީފައެވެ.

'ލޯބީގެ ޖިހާދު" އަކީ އިންޑިއާގެ ބައެއް ހިންދޫ ގްރޫޕްތަކުން ތަޢާރަފް ކޮށްފައިވާ ބަހެކެވެ. އެމީހުން ވަނީ މުސްލިމް ފިރިހެނުން ހިންދޫ އަންހެނުންނާއި ކައިވެނިކޮށް އިސްލާމް ދީނަށް ވަނުމަށް މަޖުބޫރު ކުރާ ކަމުގެ ތުހުމަތު ކޮށްފައެވެ.

ސީނިއާ ޕޮލިސް އޮފިޝަލެއް ކަމުގައިވާ އާނަންދް ސްރިވާސްތަވާ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ ޝަމްބޫ ލާލް ނަފްރަތު ފެތުރޭ ކަހަލަ ގިނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައިވާ ކަމަށާއި، އެހާދިސާގައި މަރާލި މުސްލިމް ފިރިހެން މީހާ އަކީ އޭނާ ނުވެސް ދަންނަ މީހެއް ކަމަށެވެ.

މި ހާދިސާގައި ފުރާނަ ގެއްލުނު މުހައްމަދު އަފްރާޒުލް އަކީ އުދޭޕޫރް ކައިރީގައި މަސައްކަތް ކުރަމުން ދިޔަ މީހެކެވެ. އޭނާ އެ ސަރަޙައްދުގައި ދިރިއުޅެމުން އަންނަތާ ވަނީ 10 އަހަރަށްވުރެ ގިނަ ދުވަސް ވެފައެވެ.