Last Updated: June 28, 17:46
Sunday, June 28, 2026
ދުނިޔެ

ކަރަންޓް ކަނޑާ ކުންފުނިތައް ޖޫރިމަނާ ކުރަނީ

އިންޑިއާއިން ދަނީ ޕްރީޕެއިޑް ނުވަތަ ސްމާޓް މީޓަރުތައް ހަރުކުރުމަށް ކަރަންޓު ދޫކުރާ ހުރިހާ ކުންފުނިތަކަށް މަޖުބޫރު ކުރަން ރާވަމުންނެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ކަރަންޓުގެ ޚިދުމަތް މެދުކަނޑާ ކުންފުނިތައް ޖޫރިމަނާ ކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

މިއީ އިންޑިއާގެ ސަރުކާރުން މި އަހަރުގެ ސެޕްޓެމްބަރު މަހު ލޯންޗްކުރި 'ސޯބާގްޔަ ސްކީމް' ގެ ދަށުން ހިންގުމަށް ރާވަމުންދާ ކަންތައްތަކެވެ. އެ ސްކީމަކީ 2018 ނިމެންވާއިރަށް އިންޑިއާގެ ހުރިހާ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމުގެ މަޤްސަދުގައި ލޯންޗް ކުރި 16،000 ކްރޯޑްގެ އަގުހުރި ސްކީމެކެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ މާޗު 2019 ގެ ނިޔަލަށް ހުރިހާ އެންމެންނަށް 24 ގަޑިއިރު ކަރަންޓު ދިނުން. މިހާރު އެކަން ޤާނޫނީ އަމުރަކަށް ވެގެންދާނެ. މާޗު 2019 ގެ ފަހުން އެއްވެސް ސަބަބަކާއި ނުލައި، ޤުދުރަތީ ނުވަތަ ޓެކްނިކަލް މައްސަލައެއް ސަބަބުން ނޫނީ ކަރަންޓު މެދުކަނޑައިފިނަމަ އެކަމަށް އަދަބު ދެވޭނެ،" އިންޑިއާގެ ކަރަންޓާ ބެހޭ މިނިސްޓަރު އާރް ކޭ ސިންގް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ޖޫރިމަނާ ނަގަން ފަށާނީ އޭޕްރީލް، 1، 2019 އިން ފެށިގެންނެވެ. އެކަމާ ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.