Last Updated: May 1, 20:45
Wednesday, May 1, 2024
ދުނިޔެ

މެކްސް ހޮސްޕިޓަލްގެ ލައިސެންސް ބާތިލްކޮށްފި

އޮޅުމަކުން ދުވަސް ނުފުރޭ ކުއްޖަކު ބަނޑަށް މަރުވެއްޖެ ކަމަށް ނިންމި ދިއްލީގެ ޝާލިމާރް ބާގްގައި ހުންނަ މެކްސް ހޮސްޕިޓަލުގެ ލައިސަންސް ދިއްލީގެ ސަރުކާރުން މިއަދު ބާތިލްކޮށްފި އެވެ.

އެކުއްޖާ ވަނީ ހަފްތާއެއް ވަންދެން މަރާއި ހަނގުރާމަ ކުރުމަށްފަހު އިއްޔެ ޕިތަމްޕޫރާގައި މަރުވެފަ އެވެ.

މި މައްސަލަ ތަހުޤީގު ކުރުމަށްޓަކައި ދިއްލީގެ ސަރުކާރުން އެކުލަވަލި ޕެނަލުން ވަނީ އަލަށް އުފަންވާ ކުދިންނާއިމެދު ޢަމަލު ކުރުމުގައި ގެންގުޅެން ޖެހޭ މިންގަނޑުތަކަށް މެކްސް ހޮސްޕިޓަލުން ތަބާވެފައި ނުވާކަމަށް ނިންމާފައެވެ.

"މެކްސް ހޮސްޕިޓަލް ޝާލިމާރް ބާގްގެ ލައިސެންސް އަޅުގަނޑުމެން ބާތިލް ކޮށްފިން. އަލަށް އުފަންވި ކުއްޖާގެ މަރުގައި އެ ހޮސްޕިޓަލުގެ އިހުމާލަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން"، ދިއްލީގެ ހެލްތު މިނިސްޓަރު ސަތުޔެންދްރަ ޖެއިން ވިދާޅުވި އެވެ.

މިދިޔަ މަހުގެ 30 ގައި އަޝީޝް ކުމާރްގެ އަނބިމީހާ ވަނީ ދުވަސް ނުފުރޭ އެއްމާބަނޑު ދެކުދިން (ފިރިހެން ކުއްޖަކާއި އަންހެން ކުއްޖަކު) މެކްސް ހޮސްޕިޓަލަށް ވިހާފައެވެ.

އެ ހޮސްޕިޓަލުން ވަނީ އެ ދެކުދިންވެސް ވިހެއިރު ތިބީ މަރުވެފައި ކަމަށް ނިންމުމަށްފަހު، ދެކުދިންގެ ހަށިގަނޑު ކޮތަޅަކަށް ލާފައި އާއިލާ އަށް ދީފައެވެ. އެހެންނަމަވެސް އެ ދެކުދިންގެ ޖަނާޒާއަށް ގެންދަނިކޮށް އޭގެތެރެއިން ފިރިހެން ކުއްޖާ ދިރިހުރިކަން އާއިލާ އަށް ފާހަގަވިއެވެ.

އާއިލާ އިން ވަގުތުން އެ ކުއްޖާ ގޮވައިގެން ޕިތަމްޕޫރާގެ ނާސިން ހޯމަކަށް ދިޔައެވެ. އެހެންނަމަވެސް ދަރިފުޅުގެ މަންމަ ޖެހުނީ އޭނާގެ ބަލިހާލަތު ހުރި ގޮތުން ޖެހުނީ މެކްސް ހޮސްޕިޓަލުގައި މަޑުކުރަންށެވެ.

އެކުއްޖާގެ ދިރިއުޅުމުގެ ފަހު ދުވަސްތައް ހޭދަކުރި ދިއްލީ ނިއުބޯން ސެންޓަރުގެ ޑައިރެކްޓަރު ކަމުގައިވާ ޑރ. ސަންދީޕް ގުޕްތާ ވިދާޅުވީ ފުރަތަމަ ދުވަހުން ފެށިގެންވެސް އެއީ ބަލިވެފައިވާ ހަނގުރާމައެއް ކަމަށެވެ.

ޑރ. ގުޕްތާ ވިދާޅުވި ގޮތުގައި ފުރަތަމަ ދުވަސްކޮޅު ކުޑަކުއްޖާގެ ހުރިހާ ގުނަވަނެއް ވެސް ރަނގަޅަށް މަސައްކަތް ކުރި ކަމަށާއި، ފަހުން ފަހުން އައިސް ގިނަ ގުނަވަންތަކެއް ރަނގަޅަށް މަސައްކަތް ކުރުން ހުއްޓާލާފައިވާ ކަމަށެވެ.

މެކްސް ހެލްތްކެއާ އިން ވަނީ އެކުއްޖާ މަރުވި ޚަބަރާއި ގުޅިގެން ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ހޮސްޕިޓަލުން ވަނީ ދަރިފުޅުގެ މައިންބަފައިންނާއި އާއިލާގެ މެމްބަރުންނަށް ތައުޒިއާ ކިޔާފައެވެ.

އެހެންނަމަވެސް ހޮސްޕިޓަލާއި ދެކޮޅު ހެދުމަށްޓަކައި ދަރިފުޅުގެ ބައްޕަ އަޝީޝް ކުމާރް ބުނީ އެ މައްސަލައިގައި އިހުމާލުވި މެކްސް ހޮސްޕޓަލުގެ ޑޮކްޓަރުން ހައްޔަރު ނުކުރަނީސް އޭނާގެ ދަރިފުޅުގެ މަރުވެފައިވާ ހަށިގަނޑު ނުގެންދާނެ ކަމަށެވެ.

މީގެ އިތުރުން އިންސާފް ނުލިބެނީސް އޭނާގެ އަނބިމީހާ ވެސް މެކްސް ހޮސްޕިޓަލުން ޑިސްޗާޖު ނުކުރުވާނެ ކަމަށްވެސް ކުމާރް ވަނީ ބުނެފައެވެ.

މަރުވި ކުއްޖާގެ ބޮޑުބޭބެ ވެސް ވަނީ މެކްސް ހޮސްޕިޓަލުގެ ބޭރުގައި މުޒާހަރާ ކުރުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން ދިއްލީގެ ސަރުކާރުން މައްސަލަ ތަހުޤީގު ކުރުމަށް އެކުލަވާލި ޕެނަލުން ވަނީ މެކްސް ހޮސްޕިޓަލުގެ ބޮޑު އިހުމާލެއް މިކަމުގައި ވާކަމަށް ނިންމާފައެވެ.