Last Updated: June 11, 09:15
Thursday, June 11, 2026
ރިޕޯޓް

އަފިރިންގެ އައްޑޫ ސިޓީގެ ސެންޓްރަލް ޕާކް ކޮބާ؟

ހުޅުމީދޫގެ ކިޅީގެ ހިތްގައިމު ސަރަހައްދެއް: ގުދުރަތީ މިފަދަ ރީތި ތަންތަން ދަމަހައްޓަން ޖެހޭ. ފޮޓޯ/ އަޒާ

ބިނާވެށި ޕްލޭނިން އިން ޑިގްރީ ހަދާ އިރު އެންމެ ފުރަތަމަ ވެސް ކިޔައިދޭ ވަރަށް މަޝްހޫރު މިސާލެއް އޮވެ އެވެ. އެއީ ނިއު ޔޯކްގެ މަޝްހޫރު ސެންޓްރަލް ޕާކްގެ ވާހަކަ އެވެ.
އުސް އިމާރާތްތަކުން ފުރިގެންވާ ނިއުޔޯކްގެ މެދުގައި މިފަދަ ރީތި ބިޔަ ފެހި ޖަންގައްޔެއް އޮތުމަކީ މި ބައިބޯ އުސް ކޮންކްރިޓް އިމާރާތްތަކުގައި އުޅޭ މީހުންނަށް މިތަނުގައި ހަމަ ނޭވާލެވޭ މައިގަނޑު ސަބަބެވެ.

ނިއު ޔޯކްގައި މީހުން އާބާދުވާން ފަށައިގެން އައިސް 1،800 އަހަރުތަކުގެ ކުރީކޮޅު މީހުން ތޮއްޖެހެމުން ދިޔުމާ ގުޅިގެން އެތަން ޕްލޭން ކުރަން މަޝްހޫރު ޕްލޭނަރަކާއި ހަވާލު ކުރެވުނެވެ.
ޕްލޭން ހެދި މީހާ ގެނައި ޕްލޭންގައި ބޮޑު ހުސް ފެހި ސަރަހައްދެއް އޮވެގެން އެ ސިޓީގެ ވެރިން ވަރަށް ހިތްހަމަނުޖެހުނެވެ. ސަބަބކީ މިހާ ހަލުވިކޮށް މީހުން އާބާދުވާ ސިޓީއެއްގައި ބިމުގެ އަގުބޮޑު ކަމާއި ބިން ވިއްކައިގެން ލިބޭނޭ ފައިސާ ގިނަ ކަމެވެ.
މިކަމާ މި މީހުން ޝަކުވާ ކުރުމުން ޕްލޭން ހެދި މީހާ ވަގުތުން ޕްލޭން ހިފައިގެން އެތަނުން ނިކުމެގެން ދިޔަ އެވެ. ނަމަވެސް ފަހުން އޭނާ އަނބުރާ ގެނެސް ޕްލޭން ސެންޓްރަލް ޕާކް ހިމަނައިގެން ޕްލޭން ހެއްދި އެވެ.

އަޅުގަނޑު ހިތަށް އަރަނީ މި ވިސްނުން އަޅުގަނޑުމެންނަށް އަދިވެސް ނުވިސްނެނީ ބާ އެވެ؟ ހިތަށް އަރަނީ އަޅުގަނޑުގެ އުސްތާޒަކު ބުނި ވާހަކައެކެވެ. މީދަލުގެ އާބާދީ ގިނަވެ އެތަކެތި އުޅޭތަން ފުރި ބާރުވެއްޖެ ނަމަ މީދާތައް އެކަތި އަނެކަތި ކައި ހުސް ކުރަން ފަށާނެ އެވެ. ޚިޔާލަށް ފުރަތަމަ ވެސް ގެނެވުނީ ބައިބޯ ތޮއްޖެހިފައިވާ މާލޭގެ ހާލާތެވެ.

އައްޑޫ ސިޓީގެ ހިތަދޫ އަދި ހުޅުމީދޫގައި ގުދުރަތީ ގޮތުން ސެންޓްރަލް ޕާކް ވަނީ ރަށުގެ މެދުތެރޭގައި ހެދި ނިމަފަ އެވެ. ނަމަވެސް

ފާއިތުވި ދުވަސްތަކުގައި މި ޗަސްބިންތަކުގެ އެކިތަންތަންވަނީ ފަސްއަޅާ ހިއްކުމަށް ފަހު އިމާރާތްކޮށްފަ އެވެ. އަދި މި ތަންތަނުގެ އެކި ހިސާބުތަކުން މަގު ހަދައި މިތަންތަނުގެ ގުދުރަތީ މާހައުލަށް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އަދި ނުވިތާކަށް މި ތަންތަނުގެ އެތެރެއިން މީހުން ދިރިއުޅުމަށް ވަނީ ގޯތި ވެސް ދީފަ އެވެ.

ނަމަވެސް މި ތަންތަނުގެ ނާޒުކު ކަމާއި ވެށި އުފެދިފައިވާ ގޮތުން މިތާނގެ އެތެރޭގައިި އުޅޭ މީހުންނަށް ފެން ބޮޑުވުމާއި، މަދިރީގެ އުނދަގޫތައް އަބަދުވެސް ކުރިމަތިވެ އެވެ. ނިޔޯކްގެ ސެންޓްރަލް ޕާކްގައި ވެސް މީހުން ދިރިއުޅެެން ޕްލޭން ނުކުރީ އެތަަނަކީ ވެސް ޗަސްބިންތައް ގިނަ އަދި އަޑިގުޑަން ގިނަ ސަރަހައްދަކަށްވާތީ އެވެ. ނަމަވެސް އަޅުގަނޑުމެން ޗަސް ބިން ހިއްކައިގެން އެތަނުގައި ދިރިއުޅެން ފެށީ އެވެ.

ހިތާމަޔަކީި މިހާރު ވެސް މި ސަރަހައްދުތަކުގެ ތެރެއިން ގޯތި ދިނުމުގެ ވިސްނުންގެން ގުޅެމުން އަންނަ ކަމެވެ. އަޅުގަނޑުމެން ވަނީ މިފަދަ ރީތި މާހައުލެއް އޮއްވައި ވެސް އެތަން އެއީ ބޭކާރު ތަންތަނުގެ ގޮތުގައި ހަދާފަ އެވެ. އަދި މިފަދަ ތަންތަނަށް ކުނި އަޅާ މިތަންތަން ހަލާކު ކުރަމުންދާ މަންޒަރު ދަނީ ފެންނަމުންނެވެ.

އައްޑޫގެ ބިނާވެށި ޕްލޭނަށް ބަލާ އިރު މިޕްލޭން ހެދުމުގައި މާބޮޑު ތިމާވެށީގެ ދިރާސާތަކެއް ހެދިފައި ނުވާކަން ފާހަނގަ ކުރެވެ އެވެ. އަދި ޚާއްސަކޮށް މުސްތަޤްބަލުގައި ދިމާވެދާނެ މޫސުމީ ކާރިސާތަކަށް މާބޮޑު ސަމާލު ކަމެއް ދެވިފައި ނުވާ އިރު، ޕްލޭންގައި އެންމެ މުހިއްމު ކަމެއް ދީފައިވަނީ އުމްރާނީ އެކި އެކި ބިނާތަކުން މުޅިރަށްް ފުރިގެންދާ ކަހަލަ ގޮތަކަށެވެ.

މިގޮތުން ގިނަ ސަރަހައްދުތަކެއް ހިއްކުމަށާއި އެތަންތަނުގައި ތަފާތު އިމާރާތްތައް ހެދުމަށް އެކިކުލަތަކުން މުޅިޕްލޭން ޖަރީކޮށްފައިވާ ކަން ފާހަގަ ކުރެވެ އެވެ. އަދި ޒޯންތައް ކަނޑައެޅުމުގައި ވެސް، ވެށްޓަށް ގެއްލުންވާ ޒާތުގެ އެކި އެކި މަސައްކަތް ކުރާ ތަންތަން މީހުން ދިރިއުޅޭތަންތަނާއި ވަކިން ނެތްކަން ފާހަނގަ ކުރެ ވެ އެވެ.

އައްޑު އަތޮޅު ކަހަލަ ރަށްްތައް މަދު އަތޮޅެއްގައި ގޯތިތައް ދީ ބިން ހުސްކޮށްލުމުގެ ބަދަލުގައި ދަނަޑުވެރި ކަމަށާއި، އެހެނިހެން ބޭނުންތަކަށް ބިންތައް ހުހަށް ބޭއްވުން މުހިއްމެވެ.

ސަބަބަކީ މާލެ ފަދަ އިންް ބިން ހުސްވެ ބިމުގެ ދަތިކަން އިންތިހާ އަށް ކުރިމަތިވުމަކީ ކައިރި މުސްތަގްބަލެއްގައި ވެދާނެ ކަމަކަށްވާތީ އެވެ.
އެހެންކަމުން މިހާރުއްސުރެން ފެށިގެން އަމިއްލަ މީސް މީހުންނަށް ގޯތި ދިނުމުގެ ވިސްނުން ދޫކޮށްލައި ފްލެޓް އަދި ހައުސިން ޔުނިޓްތައް ހެދުމުގެ ވިސްނުން ގެންނާން ޖެހެ އެވެ. އަދި ރަށުގެ އެކި ހިސާބުތަކުގައި ހުސްބިންތައް ބާއްވަން ޖެހެ އެވެ.

އަޅުގަނޑުމެން އެންމެންވެސް ވިސްނާންވީ ދެމެހެއްޓެނިވި ތަރައްޤީއަށެވެ. ދެމެހެއްޓެނިވި ތަރައްޤީގެ މައިގަނޑު އަސާސްއަކީ މުސްތަގްބަލުގެ ޖީލުތަކުގެ އިޤްތިސޯދީ އަދި އިޖްތިމާއީ ތަރައްގީ އަށް ހުރަސް ނޭޅޭ ގޮތަށް މިއަދުގެ ޖީލުތަކުން އިގްތިސާދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދުމެވެ.

ވީމާ އަފިރިންްގެ ސެންޓްރަލް ޕާކްތައް ގުދުރަތީ ގޮތުން އުފެދިފައިވާ ގޮތަށް ބަދަލު ގެނެސްް މުޅިރަށް ފޮތިފޮތި ޖަހައި ގޯތި ދިނުުމުގެ ވިސްނުން ދޫކޮށްލާން ޖެހެ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ބިމުގެ ބޭނުން ހޮޔޮ ގޮތުގައި ހިފަން ބޭނުން ނަމަ ފްލެޓާއި ހައުސިންގް ޔުނިޓްތަކުގައި ދިރިއުޅުމަށް ވިސްނާން ޖެހެ އެވެ.

ބިމުގެ ގޮތުން ދަތި ގިނަ ޤައުމުތަކުގައި މީހުން ދިރިއުޅެނީ އާއްމުކޮށް މިފަދ ަތަންތާނގައެވެ. ސިންގަޕޫރުފަދަ ގައުމުތަކުގަައި އާއްމު ދިރިއުޅުމަށް ގޯތި ދިނުން ވަނީ މީގެ އެތައް ޒަމާނެއް ކުރިން ހުއްޓާލާފަ އެވެ.

ތަހުޒީބުވެ ކުރި އަރާ ތަރައްގީވުމަށް މަަސައްކަތް ކުރަމުން މިދާ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެން ތަރައްޤީއަކީ ކޮންކްރިޓް އިމާރާތްތައްކަންް ދެކުން ހުއްޓާލާން ޖެހެ އެވެ. އަދި އަބަދުވެސް އަޅުގަނޑުމެންގެ ނާޒުކު ވެށި އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭއްވުމަށް ވިސްނާން ޖެހެ އެވެ.

މިއަދު 1821 ވަނަ އަހަރު ހެދި ސެންޓްރަލް ޕާކް ނިއުޔޯކްގައި ނެތް ނަމަ އެ މީހުން އުޅޭނޭ ހާލު އިހްސާސްކޮށްލުމަކީ އަޅުގަނޑުމެންނަކަށް އުނދަގޫ ކަމެއް ނޫނެވެ. ސަބަބަކީ އަޅުގަނޑުމެންގެެ ކެޕިޓަލް ސިޓީ މާލެ ވަނީ ފެހިކަމުން މުޅިން ކަހަލަ ގޮތަކަށް މަހްރޫމްވެފައި ކަމަށް ވާތީ އެވެ. މިފަދަ ތަނެއް އަޅުގަނޑުމެންގެ މުސްތަގްބަލުގެ ޖީލުތަކުގެ ދަރީންނަށް ދިރިއުޅެން ދޭން ހިތް ރުހޭނޭ އެކަކު ވެސް ނުހުންނާނެކަން ކަށަވަރެވެ.