އެލެކްސް އިންވެސްޓްމެންޓް ޒެފިއާ ފުޓްސަލް ކަޕް 2017 ގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އެފްސީ އުސްގަނޑަ އަދި މަލްޓި ޖީނިއަސް ބައްދަލުކޮށް، އުސްގަނޑަ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ.
އުސްގަނޑަ މެޗު ކާމިޔާބުކޮށްފައިވަނީ 1-9 ގެ ބޮޑު ތަފާތަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ނަމަވެސް ފުރަތަމަ ގޯލު ޖަހައި، ލީޑު ނެގީ އުސްގަނޑައެވެ. އުސްގަނޑަ ލީޑު ނެގިތާ މާގިނައިރުތަކެއް ނުވެ މަލްޓި ޖީނިއަސް ވަނީ ގޯލެއް ޖަހައި، ނަތީޖާ އެއްވަރުކޮށްފައެވެ.
ނަމަވެސް އެގޯލަށްފަހު އުސްގަނޑަ ޓީމުން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަމަ ހާފު ނުނިމެނީސް އިތުރު ތިން ލަނޑު އުސްގަނޑަ އިން ޖެހިއެވެ. އަދި ދެވަނަ ހާފުގައި މަލްޓި ޖީނިއަސް ޓީމުގެ ޑިފެންސަށް ބާރު ބޮޑުވެ އުސްގަނޑަ ޓީމުން ވަނީ ފުލުފުލުގައި ހަމަލާ ފޮނުވައި، ގިނަ ގޯލުތަކެއް ޖަހާފައެވެ.
މިމެޗުގައި އުސްގަނޑަ ޓީމުގެ 9 ލަނޑުގެ ތެރެއިން ހަތަރު ލަނޑު ޖެހީ ޓީމުގެ ކެޕްޓަން، އިބްރާހިމް ޝާނީޒްއެވެ. އޭނާގެ އިތުރުން އަލީ ލިރުއަމް ވަނީ ތިން ގޯލު ޖަހައި ހެޓްރިކް ހަދާފައެވެ. މުހައްމަދު ރަފާހް އަދި އަދި އާލިފް ފަހުމީވެސް ވަނީ މިމެޗުގައި ކޮންމެ ކުޅުންތެރިޔަކަށް އެއް ލަނޑު ޖަހާފައެވެ. މަލްޓި ޖީނިއަސްގެ ހަމައެކަނި ލަނޑު ޖަހާފައިވަނީ ހުސެން ފަސާހުއެވެ.
މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުސްގަނޑަ ޓީމުގެ ކެޕްޓަން، އިބްރާހިމް ޝާނީޒްއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި މިއަދު ހަވީރު އެފްސީ ބޭރުމަތި ނިކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ސުއްޓާލައިނާ ދެކޮޅަށެވެ. މެޗު ފެށޭނީ މިއަދު ހަވީރު 16:15 ގައި ހިތަދޫ އީދިގަލި ދަނޑުގައެވެ.