ރާއްޖެއިން ބޭރުގެ ލީޑަރުންގެ އުނގަށް ރައީސް ޔާމީން ވެއްޓެން ޖެހުނީ ރައްޔިތުންގެ ތާއީދު ނެތުމުން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރަކަށް ހުންނެވި މުހައްމަދު އަމީތު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން ރޭ ފ. މަގޫދޫގައި ބޭއްވި ޖަލްސާގައި އަމީތު ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާއާއި ޗައިނާ ފަދަ ގައުމުތަކަށް ގައުމު "ވިއްކާލަން" ސަރުކާރުން ކުރާ މަސައްކަތަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ފ އަތޮޅު ސައުދީއަށް "ވިއްކާލުމަށް" ރައީސް ޔާމީން އެއަތޮޅުގެ ރައްޔިތުންނަށް ވަރަށް ގިނަ ހުވަފެން ދެއްކި ކަމަށާއި ގިނަ ފައިސާތަކެއްގެ ވާހަކަ ދެއްކުމުންވެސް ފ އަތޮޅުގެ ރައްޔިތުން އެކަމަށް އާނ ބަސް ނުބުނިކަން އަމީތު ވަނީ ފާހަގަކޮށްފައެވެ.
ފ އަތޮޅަކީ ކުޑަ، މީސްކޮޅު މަދު އަތޮޅަކަށް ވުމުން ރައީސް ޔާމީނަށް ހީފުޅުވީ ވަރަށް ފަސޭހައިން އެ އަތޮޅު "ވިއްކާލެވިދާނެ" ކަމަށާއި ނަމަވެސް ގައުމީ މަސްލަހަތުގައި ރައްޔިތުން ސާބިތުކަމާއެކު ތިބުމުން އެފަދަ ކަމެއް ނުކުރެވޭނެކަން ފ އަތޮޅުގެ ރައްޔިތުން ދައްކުވައިދީފައިވާ ކަމަށް އަމީތު ވިދާޅުވިއެވެ.
އަދި މިހާރު ފްރީ ޓްރޭޑް އެގްރީމެންޓެއްގައި ޗައިނާ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކުރުމުން އެއީވެސް ފ އަތޮޅު "ވިއްކާލުން" ފަދަ ކަމެއް ކަމަށް އަމީތު ވަނީ ސިފަކޮށްފައެވެ. އަދި ފ އަތޮޅުގެ ރައްޔިތުން ދެއްކި މިސާލުން ދިވެހި ހުރިހާ ރައްޔިތުންވެސް އެކަމާ ދެކޮޅަށް ތެދުވެ، އެކަން ކުރުން ހުއްޓުވުމަށް އޭނާ ގޮވާލިއެވެ.
އަމީތު ވަނީ ރައްޔިތުންގެ ތާއީދު ނެތުމުން ބޭރު ލީޑަރުންގެ އުނގަށް އަރައިގަތުމުގެ ބަދަލުގައި ރައްޔިތުންގެ ތާއީދު ހޯދަން މަސައްކަތް ކުރުމަށް ގޮވާލާފައެވެ.