Last Updated: June 16, 11:14
Tuesday, June 16, 2026
ޚަބަރު

"ޕްރޭންކްސްޓާއެއް" ގެ ޕްރޭންކް ފެއިލްވެ މަރުނުވީ ކިރިޔާ!

ޔޫޓިއުބްގައި މަޖާ ވީޑިއޯތައް ހަދައި ޝާއިއުކުރާ މީހަކު އޭނާގެ އެންމެ ފަހުގެ ވީޑިއޯއަށް މައިކްރޯވޭވް އަވަނަކަށް ބޯކޮށްޕައި، ސިމެންޓު އެޅުމަށްފަހު އޭގައި ތާށިވެއްޖެއެވެ.

ޕްލާސްޓިކް ކޮތަޅެއް ބޮލުގައި އެޅުމަށްފަހު އޭނާ މައިކްރޯވޭވް ތެރެއަށް ބޯކޮށްޕުމުން އޭނާއާއެކު ވީޑިއޯ ހެދުމުގައި ބައިވެރިވި މީހުން ވަނީ 7 ޕެކެޓު ސިމެންޓު އޭގެ ތެރެއަށް އަޅާފައެވެ. ޕްރޭންކު ފެއިލްވީ އޭނާއަށް އަވަނު ތެރެއިން ބޯ ނުނެއްޓި ތާށި ވުމުންނެވެ.

އޭނާގެ އެކުވެރިން 90 މިނެޓުވަންދެން އޭނާ ސަލާމަތްކުރުމަށް މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އަވަން ނުނެއްޓުމުން އެމީހުންނަށް ވަނީ ފަޔާ އެންޑް ރެސްކިއުއަށް ގުޅަން މަޖުބޫރު ވެފައެވެ.

ފަޔާ ފައިޓަރުން އައުމަށްފަހުވެސް އޭނާއަށް ގެއްލުމެއް ނުދީ އަވަން ނެގުމުގެ މަސައްކަތުގައި ގަޑިއިރެއް ހޭދަކުރަން ޖެހުނެވެ. އޭނާގެ ފުރާނަ ސަލާމަތްވީ ނޭވާލާނެ ހޮޅިއެއް މައިކްރޯވޭވް ތެރެއަށް ފޮނުވާލާނެ ގޮތެއް ހޯދިގެންނެވެ.

އިނގިރޭސިވިލާތުގެ ވޫލްވަހެމްޕްޓަންގައި ހިނގި މިހާދިސާގައި ޒުވާނާ ސަލާމަތްކުރި ފަޔާފައިޓަރުން ބުނެފައިވަނީ މިފަދަ ނުރައްކާތެރި ކަންތައްތަކަކީ އެއްވެސް ގޮތެއްގައި އެމީހުން ތާއީދު ކުރާ ކަންތަކެއް ނޫން ކަމަށެވެ. ޔޫޓިއުބްގައި ވިއުސްތަކެއް ހޯދަން ކުރި މަސައްކަތުން ޒުވާނެއްގެ ފުރާނަ ނުގެއްލުނީ ކިރިޔާއެވެ.