އެމެރިކާއިން ވަނީ އުތުރު ކޮރެއާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައި ކަމަށާއި ޖަޕާނާއި ދެކުނު ކޮރެއާގެ އެހީތެރިކަމާއެކު އެގައުމަށް އަރަން އުޅޭ ކަމަށް އުތުރު ކޮރެއާއިން ތުހުމަތުކޮށްފިއެވެ.
އުތުރު ކޮރެއާގެ ނޫސް އޭޖެންސީން ބުނެފައިވަނީ އެމެރިކާއިން ވަނީ ޖަޕާނާއި ދެކުނު ކޮރެއާ މެދުވެރިކޮށް އުތުރު ކޮރެއާގެ ބޯޓުތަކަށް ދެކުނަށް ވަނުމަށް ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެމެރިކާ ސިފައިން ދެކުނު ކޮރެއާގެ ޖެޖޫ އައިލެންޑުގައި ސްޓޭޝަންކޮށްފައިވާ ކަމަށްވެސް އުތުރުން ވަނީ ތުހުމަތުކޮށްފައެވެ.
"އެމެރިކާއިން ވަނީ ކަނޑުގެ މަގުން އުތުރު ކޮރެއާ ސިފައިން ބައްދާލުމަށް ފާޅުގައި މަސައްކަތް ފަށާފައި. އަދި އުތުރު ކޮރެއާގެ އިގްތިސޯދު ފުނޑާލައި، އެތައް އަހަރެއް ވަންދެން ދެމިއޮތް ސުލްހަ މަސަލަސްކަން ނަގާލުމަކީ އެމީހުންގެ މަގުސަދު. މިއީ އުތުރު ކޮރެއާ އިން ދެކޭ ގޮތުގައި ހަނގުރާމަ އިއުލާން ކުރުން." އުތުރު ކޮރެއާއިން ނެރުނު ރިޕޯޓުގައި ބުނެފައިވެއެވެ.
އުތުރު ކޮރެއާގެ މި ތުހުމަތުތަކަށް މިހާތަނަށް އެމެރިކާއިން އަދި ޖަޕާނާއި ދެކުނު ކޮރެއާއިންވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ރައީސް ކަމާއި ޑޮނަލްޑް ޓްރަމްޕް ހަވާލުވިފަހުން ތަކުރާރުކޮށް އުތުރު ކޮރެއާއަށް ވަނީ އިންޒާރު ފޮނުވާފައެވެ. ކޮރެއާއިން ވެސް ޓްރަމްޕަށް އިންޒާރު ބަދަލުކޮށްފައިވާއިރު ޓްރަމްޕް ވަނީ އުތުރު ކޮރެއާ އެއްކޮށް ސުންނާފަތި ކޮށްލެވިދާނެ ކަމަށް ބުނެފައެވެ.