Last Updated: May 16, 04:30
Thursday, May 16, 2024
ޚަބަރު

މަހްލޫފްގެ ބައްޕަ އަށް "އޮޅުމަކުން" ފުލުހުން ޖިންސީ ތުހުމަތުކޮށްފި

އިއްޔެގެ ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައި މި ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް ދުއާކޮށްގެން ފުލުހުން ހައްޔަރު ކުރި ގަލޮޅު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފްގެ ބައްޕަ މުހައްމަދު ހައްސާނުގެ މައްޗަށް ޖިންސީ މުއާމަލާތް ހިންގަން އެދުމުގެ ތުހުމަތު ކުރެވުނީ "އޮޅުމަކުން" ކަމަށް ފުލުހުން ބުނެފިއެވެ.

އޭނާ ހައްޔަރު ކުރި ކަމުގެ މައުލޫމާތު ފޯމުގެ ފަސް ކުށެއްގެ ތުހުމަތު ވަނީ ކޮށްފައެވެ. އޭގެ ތެރޭގައި ޖިންސީ މުއާމަލާތް ހިންގަން އެދުން ވެސް ހިމެނެ އެވެ.

ފުލުހުންގެ މިއަދު ބުނީ ހައްސާނުގެ މައްޗަށް ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ތުހުމަތު ކުރެވުނީ ސިސްޓަމަށް ދިމާވި މައްސަލައަކުން އޮޅިގެން ކަމަށެވެ.

ހައްސާންގެ މައްޗަށް ތުހުމަތު ކުރާ ކަންކަމުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކަށް ނުވަތަ ބަންދުގައި ތިބޭ މީހުން ބެލެހެއްޓުމާ ހަވާލުވެހުރި މުވައްޒަފަކަށް ހުރަސް އެޅުން ނުވަތަ ދަތި ކުރުން، ގާނޫނު ހިންގުމަށް ހުރަސް އެޅުމާއި ދައުލަތުގެ އެހެނިހެން މަސައްކަތްތަކަށް ހުރަސް އެޅުން، ވަކި ގަވާއިދަކުން ހިންގަންޖެހޭ ވިޔަފާރިއެއް ހުއްދަ ނެތި ހިންގުމާއި، ލައިސަންސް ނެތި އިމްޕޯޓް ކުރުމާއި، ހުއްދަ ނަގަން ޖެހެ ކަމެއް ހުއްދަ ނުނަގައި ކުރުން، އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ހިންގުން، އާންމު ތަނެއްގައި ޖިންސީ މުއާމަލާތެއް ހިންގަން އެދުން އަދި ސްލާމް ދީނާ އިދިކޮޅު އަމަލުތައް ހިންގުން ހިމެނެ އެވެ.

އެ ހުރިހާ ތުހުމަތެއްވެސް ހައްސާނުގެ މައްޗަށް ކޮށްފައި ވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.