Last Updated: June 16, 11:14
Tuesday, June 16, 2026
ޚަބަރު

ސިޓީ އަށް ޔުނައިޓެޑް ނުހިފެހެއްޓޭނެ: ޑެހެއާ

މެންޗެސްޓާ ޔުނައިޓެޑު އަދި ސިޓީގެ ކުރިމަތިލުމެއް ޕްރިމިއާ ލީގުގައި މާދަމާ ފެނިގެންދާއިރު ޔުނައިޓެޑުގެ ކީޕަރު ޑެހެއާ ދެކޭ ގޮތުގައި ސިޓީއަށް ޔުނައިޓެޑު ހިފެހެއްޓުމުގެ ގާބިލު ކަމެއް ނެތެވެ.

އާސެނަލް އަދި ފްރާންސުގެ ކުރީގެ ތަރި، ތިއެރީ އޮންރީއާއެކު ޑެހެއާ ކުރިއަށް ގެންދިޔަ އިންޓަވިއުއެއްގައި އޮންރީ ކުރި ސުވާލަކަށް ޖަވާބުދެމުން ޑެހެއާ ބުނެފައިވަނީ ސިޓީއަށް ޔުނައިޓެޑު ނުހިފެހެއްޓޭނެ ކަމަށެވެ. އޮންރީ ޑެހެއާ އާ ކުރި ސުވާލަކީ ޔުނައިޓެޑަށް ސިޓީ ހުއްޓުވިދާނެ ކަމަށް ގަބޫލުކުރެވޭ ތޯއެވެ.

ޖަވާބުގައި ޔުނައިޓެޑުގެ އެއް ނަމްބަރު ކީޕަރު ބުނެފައިވަނީ ކުރަންވީ ސުވާލަކީ ސިޓީއަށް ޔުނައިޓެޑު ހިފެހެއްޓިދާނެތޯ ކަމަށާއި ޖަވާބަކީ ނުހިފެހެއްޓޭނެ ކަމަށެވެ. މިދިޔަ ހަފްތާގައި ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ޔުނައިޓެޑަށް ކާމިޔާބު ކުރުމުގައި ޑެހެއާގެ ރޯލު ބޮޑެވެ. އޭނާ ވަނީ އެ މެޗުގައި 17 ހަމަލާ މަތަކޮށްފައެވެ.

ޔުނައިޓެޑުން ރަނގަޅު ފޯމެއްގައި އޮތް މިދަނޑިވަޅުގައި ސިޓީއަށް ވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޝާޚްތާރް ޑޮނެސްކް އަތުން 1-2 އިން ބަލިވެފައެވެ. އެއީ ސިޓީއަށް މިސީޒަނުގައި ކުރިމަތިލާން ޖެހުނު ފުރަތަމަ ބައްޔެވެ. ޕްރިމިއާ ލީގުގައި ސިޓީ ކުޅުނު 15 މެޗުގެ ތެރެއިން 14 މެޗުން މޮޅުވެފައިވާއިރު އެއްވަރު ވެފައިވަނީ އެންމެ މެޗަކުންނެވެ.

އެހެންކަމުން ޑާބީގެ ކުރިން ގިނަ ބަޔަކު ބުރަވަނީ މެޗު ސިޓީ ކާމިޔާބު ކުރާނެ ކަމަށެވެ. ނަމަވެސް ޔުނައިޓެޑުގެ ދަނޑުގައި މިމެޗު ކުޅުމުން ޔުނައިޓެޑަށް ފުރުސަތު ބޮޑުކަމަށް ދެކޭ މީހުންވެސް ގިނައެވެ. މިދިޔަ ސީޒަނުގައި މިދެޓީމު ޔުނައިޓެޑު ދަނޑުގައި ބައްދަލުކުރި މެޗު ކާމިޔާބުކުރީ ސިޓީއެވެ. މޮރީނިއޯ ބުނެފައިވަނީ މިދިޔަ ސީޒަނަށްވުރެ އޭނާގެ ޓީމު ވަރުގަދަ ކަމަށެވެ. އަދި ސިޓީވެސް މިސީޒަނުގައި ވަރުގަދަ ކަމަށް މޮރީނިއޯ ވަނީ އެއްބަސްވެފައެވެ.