Last Updated: June 16, 11:14
Tuesday, June 16, 2026
ޚަބަރު

450 މިލިއަން ޑޮލަރުގެ ކުރެހުމެއް ވަލީއަހުދު ނުގަނޭ: ސައުދީ

ލެއޮނާޑޯ ޑަ ވިންޗީގެ މަޝްހޫރު ކުރެހުން، "ސެލްވެޓޯ މުންޑީ" 450 މިލިއަން ޑޮލަރުގެ އަގަށް ބައްލަވައިގަތީ ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނެތް ވާހަކައެއް ކަމަށް ސައުދީން ބުނެފިއެވެ.

ޑަ ވިންޗީގެ މި އަގުބޮޑު ކުރެހުން މިދިޔަ ހަފްތާ ތެރޭ ނީލަމުގައި ވިކިފައިވާއިރު މީޑިޔާތަކުން ވަނީ އެ ކުރެހުން ބައްލަވައިގަތީ ސައުދީގެ ވަލީއަހުދު ކަމަށް ބުނެފައެވެ. 450 މިލިއަން ޑޮލަރަށް ކުރެހުން ވިކިފައިވާއިރު އެއީ ދުނިޔޭގެ ރެކޯޑު އަގެކެވެ.

ވޯލް ސްޓްރީޓް ޖާނަލްއިން ކުރެހުން ރެކޯޑު އަގަކަށް ސައުދީ ވަލީއަހުދު ބައްލަވައިގެންފައިވާ ކަމަށް ރިޕޯޓުކުރުމާއި ގުޅިގެން އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ސައުދީ އެމްބަސީއިން ވަނީ އެވާހަކަ ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ އެ ކުރެހުމަކީ ސައުދީ ވަލީއަހުދު މުހައްމަދު ބައްލަވައިގަތް ކުރެހުމެއް ނޫން ކަމަށާއި އެއީ 'ޔޫއޭއީ' ގައިހުންނަ ލުވްރު އަބޫދާބީގައި ބެހެއްޓުމަށް، އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ޓޫރިޒަމް އެންޑް ކަލްޗަރ އިން ގަނެފައިވާ ކުރެހުމެއް ކަމަށެވެ.

އަދި އެކަން ވަނީ ކުރެހުން ވިއްކި ނީލަމުންވެސް ކަށަވަރުކޮށްދީފައެވެ. ކުރެހުން ވިއްކި ކްރިސްޓީ އޮކްޝަންއިން ބުނީ ޔޫއޭއީގެ އާންމު ރައްޔިތުންނަށް ފެންނަ ގޮތަށް އެކުރެހުން ބެހެއްޓުމުން ވަރަށް އުފާވާނެ ކަމަށެވެ.