Last Updated: June 16, 11:14
Tuesday, June 16, 2026
ޚަބަރު

އައިއެސް އިރާގުން ފައްސާލައި، ހަނގުރާމަ ނިމުނުކަން އިއުލާންކޮށްފި

އިސްލާމިކް ސްޓޭޓުގެ ނަމުގައި ހަރަކާތްތެރިވަމުން އައި ހަނގުރާމަވެރި ޖަމާއަތާ ދެކޮޅަށް އިރާގު ސަރުކާރުން ފެށި ހަނގުރާމަ ނިމުނުކަން އިއުލާން ކޮށްފިއެވެ. އިރާގުން ހަނގުރާމަ ނިމިފައިވާކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ އައިއެސްގެ ބާރު އެއްކޮށް އިރާގުން ނެގުމަށްފަހުގައެވެ.

އިރާގުގެ މޯސުލް މިދިޔަ ޖުލައި މަހު އައިއެސް އަތުން ނެގުމަށްފަހު މިދިޔަ މަހު އަސްކަރިއްޔާއިން ވަނީ އުތުރު ސީރިޔާގެ ރައްޤާއިންވެސް އައިއެސް ފައްސާލާފައެވެ. 2014 ވަނަ އަހަރުގައި އައިއެސްއިން ވަނީ ސީރިޔާއާއި އިރާގުގެ ބޮޑުބައި ހިފައި ޚިލާފަތު އިއުލާންކޮށް ހުރިހާ މުސްލިމުންވެސް އެމީހުންނާ ގުޅުމަށް ގޮވާލާފައެވެ.

އަދި ހަގީގީ އިސްލާމީ އުއްމަތަކީ އެމީހުން ކަމަށާއި ޖިހާދަށް އައުމަށް އައިއެސްގެ ބޮޑެތި ލީޑަރުން ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މުސްލިމުންނަށް ގޮވާލާފައެވެ. ނަމަވެސް އައިއެސްގެ ސިޔާސަތުތަކާއި އަނިޔާވެރިކަން ގަބޫލުނުކޮށް، ގިނަ އަދަދެއްގެ ދީނީ ޢިލްމުވެރިންނާއި މުސްލިމުން ވަނީ އެމީހުންނަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

އައިއެސްގެ ބާރު ކެނޑިފައިވަނީ އެކި ދާއިރާތަކުގެ ލީޑަރުން އެމެރިކާ އަދި އިރާގު އަސްކަރިއްޔާއިން މަރާލި ހިސާބުންނެވެ. ނަމަވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ ޓެރަރިސްޓު ހަމަލާތަކުގެ ޒިންމާ އައިއެސްއިން ވަނީ މިއަހަރު ތެރޭގައިވެސް ނަގާފައެވެ. އެގޮތުން އެމެރިކާގެ ލަސް ވޭގަސްގައި ކެސީނޯއެއްގެ ތެރެއިން އާންމުންގެ ގަޔަށް ބަޑިޖައި ގިނަ ބަޔަކު މަރާލި ހާދިސާ ހިމެނެއެވެ.