Last Updated: April 25, 22:42
Thursday, April 25, 2024
ރިޕޯޓް

ސުއްޓާލައިނާއި އުސްގަނޑަ ގަދަ ހިފުމަކަށް؛ މޮޅުވާނީ ކޮން ބައެއް؟

*މުބާރާތުގައި އެންމެ ގިނަ ގޯލް ޖަހާފައި ވަނީ އެފްސީ އުސްގަނޑަ އިން.
* އެންމެ މަދުން ގޯލް ވަދެފައިވަނީ ސުއްޓާލައިން ކޮޅަށް.
* 2016 ގެ ފައިނަލްގައި ވެސް ބައްދަލުކުރީ މި 2 ޓީމް

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި އުސްގަނޑަ އަދި ސުއްޓާލައިން ބައްދަލުކުރި މެޗްގެ ތެރެއިން. މި މެޗް 3-4 އިން ކާމިޔާބުކުރީ އެފްސީ އުސްގަނޑަ

އެލެކްސް އިންވަސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގެ ފައިނަލް މެޗުގައި މާދަމާ އެފްސީ ސުއްޓާލައިނާއި އެފްސީ އުސްގަނޑަ ބައްދަލުކުރާ މެޗަކީ އެތައް ގޮތަކުން ފޯރިގަދަވާނެ މެޗެކެވެ.

2016 ވަނަ އަހަރުގެ ޒެފިއާ ފުޓްސަލް ކަޕްގެ ޗެމްޕިއަން ކަން ސުއްޓާލައިނުން ހޯދީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން އުސްގަނޑަ ބަލިކުރުމަށް ފަހުއެވެ. އެހެންވެ އެ ފައިނަލުގެ ހިތްދަތިކަން ފިލުވާލުމަށް މާދަމާގެ ފައިނަލުގައި ސުއްޓާލައިން ބަލިކުރުމަށް އުސްގަނޑަ އޮތީ ކެތްމަދުވެފައެވެ.

ސުއްޓާލައިން: "ނިކުންނާނީ ތަށި ދިފާއުކުރަން"

ސުއްޓާލައިން އަކީ ޒެފިއާ ނިސްބަތްވާ ސަރަހައްދަށް ޒަމާނުއްސުރެ ކިޔަމުން އަންނަ ނަމެވެ. ކްލަބެއްގެ ގޮތުގައި "ސުއްޓާލައިން" ސަރަހައްދުގެ ޒުވާނުން އުފެއްދި ނަމަވެސް، އެ ނަން ފަނޑުވެގެން ނުދެއެވެ. ޒެފިއާ ފުޓްސަލް މުބާރާތުގައި ސުއްޓާލައިންގެ ނަމުގައި އެ ސަރަހައްދުގެ ޒުވާނުން ޓީމެއް އުފައްދައި ބައިވެރިވާ ސަބަބަކީ އެއީއެވެ. ސުއްޓާލައިން ރަމްޒުކޮށްދެނީ ޒެފިއާ އެވެ.

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި ވާދަކުރާ އެފްސީ ސުއްޓާލައިން ޓީމްގެ ކުޅުންތެރިން.

ޒެފިއާ ފުޓްސަލް ކަޕް 2017ގައި އެފްސީ ސުއްޓާލައިނުން ހޯދާފައިވާ ނަތީޖާތަކަށް ބަލާއިރު އެ ޓީމަކީ އެންމެ ޑިފެންސް ރަނގަޅު ކަމަށް ފާހަގަކޮށްލެވޭ ޓީމެވެ. މުބާރާތުގައި މިހާތަނަށް އެޓީމުގެ ކޮޅަށް ވަދެފައި ވަނީ އެންމެ 7 ލަނޑެވެ. އެ ޓީމުން މުބާރާތުގައި މިހާތަނަށް 20 ލަނޑު ޖަހާފައިވެއެވެ.

މުބާރާތުގައި ސުއްޓާލައިން ބަލިވެފައިވަނީ ހަމައެކަނި މާދަމާގެ ފައިނަލްގައި އެޓީމުން ވާދަކުރާ އެފްސީ އުސްގަނޑަ އަތުންނެވެ. ހަނިގޮތަކަށް އެ މެޗުން ބަލިވިޔަސް ސުއްޓާލައިންގެ ކުޅުންތެރިން ވަނީ ގްރޫޕް ސްޓޭޖްގައި ދެން ކުޅުނު މެޗްތަކުގައި ތަފާތު ދައްކާލަފައެވެ.

ސުއްޓާލައިނުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި އެފްސީ ބޭރުމަތި އާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮޅުވެގެންނެވެ.

ސުއްޓާލައިންގެ ކުޅުންތެރިންނަށް ބަލާއިރު، މުހައްމަދު ތިލްމީޒް(ބިއްޑޭ) އާއި އީގަލްސް އަށް ކުޅުނު ޒުވާން ކުޅުންތެރިޔާ ރާއިފް(ހަންނާ) ފާހަގަކޮށްލެވެއެވެ. މިއީ އައްޑޫގައި ފުޓްސަލްގައި އެންމެ މަޝްހޫރު ނަންތަކެވެ. އައްޑޫގައި ފަހަކަށް އައިސް ބޭއްވި ފުޓްސަލް މުބާރާތްތަކުގައި އެ ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން ސުއްޓާލައިންގެ އޮފިޝަލަކު ބުނީ، މި މެޗަށް ނިކުންނާނީ އުސްގަނޑަ އަކީ މޮޅު ޓީމެއް ކަން ދަނެގެން ތިބެ ކަމަށާއި އެހެން ނަމަވެސް އެއީ ބަލި ނުކުރެވޭ ވަރުގެ ޓީމެއް ނޫން ކަމަށެވެ.

"ޓީމުގެ ކުޅުންތެރިން 100 ޕަސެންޓް ދީފި ނަމަ ކާމިޔާބު ކުރެވޭނެ. މާޒީގައި ހޯދި ނަތީޖާތައް އެކަމަށް ހެކިދޭނެ. ތަށި ދިފާއުކުރުން އުއްމީދަކީ."

އެފްސީ އުސްގަނޑަ: "މާޒީ މުހިއްމެއް ނޫން. މެޗު ކާމިޔާބު ކުރެވޭނެ"

އެފްސީ އުސްގަނޑަ އިން ސެމީގެ ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ 12 ޕޮއިންޓާއި އެކުގައެވެ. އެ ޓީމުން މުބާރާތުގައި މިހާތަނަށް 38 ލަނޑު ޖަހާފައިވާއިރު ބައިކޮޅަށް ވަދެފައިވަނީ އެންމެ 8 ގޯލެވެ.

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި ވާދަކުރާ އެފްސީ އުސްގަނޑަ ޓީމް

ޓީމުން އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އައްޑޫގެ ފުޓްބޯޅައިގެ އެންމެ އުއްމީދީ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ހާޒިމް ފައުޒީއެވެ. އަދި މީގެ އިތުރުން ވައިޑީޕީ ޕްރޮގްރާމުން ވިދާލި މުހައްމަދު އާލިފް ފަހުމީ(އާލިއްޕޭ) އަކީ ވެސް އެ ޓީމުގެ މުހިއްމު ކުޅުންތެރިޔެކެވެ.

ދެން އެ ޓީމުގައި ނަގާކިޔަން ތިބި ހުނަރުވެރި ކުޅުންތެރިންގެ ތެރޭގައި އަހުމަދު އިބްރާހިމް(ކޭޑީ) އަބްދުﷲ އިމްރާން އަދި މުހައްމަދު ރަފާހް(ޓޫޓޫ) ހިމެނެއެވެ. އެފްސީ އުސްގަނޑަ ޓީމުގެ ކޯޗަކީ މުހައްމަދު އަލްތާފް(އަލްޓީ) އެވެ.

އެލެކްސް އިންވެސްޓްމަންޓް ޒެފިއާ ފުޓްސަލް ކަޕް 2017ގައި އުސްގަނޑަ އަދި ސުއްޓާލައިން ބައްދަލުކުރި މެޗްގެ ތެރެއިން. މި މެޗް 3-4 އިން ކާމިޔާބުކުރީ އެފްސީ އުސްގަނޑަ

'އައްޑޫލައިވް' އާއި ވާހަކަ ދައްކަމުން އުސްގަނޑަ އެފްސީގެ ކޯޗު މުހައްމަދު އަލްތާފް(އަލްޓީ) ބުނީ، މާޒީގައި ނިކުތް ނަތީޖާއެއް މުހިއްމު ނޫން ކަމަށާއި އެ ޓީމުން ނިކުންނާނީ މޮޅުވާން ކަމަށެވެ.

"މާޒީގެ ނަތީޖާއެއް މުހިއްމެއް ނޫން. މިއީ މުޅިން އާ މުބާރާތެއް. މާޒީ ހަނދާން ނައްތާލުމަށް ފަހު ނިކުންނާނީ. އިރާދަކުރެއްވިއްޔާ މި ޓީމަށް މުބާރާތް ކާމިޔާބު ކުރެވޭނެ."

ފައިނަލުގައި ފެނިގެންދާނީ މުބާރާތުގެ އެންމެ ގިނައިން ގޯލް ޖެހި ޓީމާއި އެންމެ ޑިފެންސް ރަނގަޅު ޓީމުގެ ކުރިމަތިލުމެކެވެ. ސުއްޓާލައިނުން ޗެމްޕިއަންކަން ދިފާއުކުރަން ނިކުންނައިރު އުސްގަނޑަ ނިކުންނާނީ 2016ގެ މުބާރާތުގެ ފައިނަލުގައި ބަލިވުމުން އޭގެ "ބަދަލު ހިފުމަށް" ކަން ޔަޤީނެވެ.