Last Updated: June 16, 09:52
Tuesday, June 16, 2026
ޚަބަރު

ނަޝީދުގެ ފާޑުކިޔުންތައް އެޗްއާރްސީއެމަށް އަމާޒުވެއްޖެ

2015 ވަނަ އަހަރު ރައީސް ނަޝީދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ތެރެއިން. އޭޕީ ފޮޓޯ: ހުސައިންސިނާން

މިއަދު ފާހަގަ ކުރަމުންދާ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން، ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އަށް އަމާޒުކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ނަޝީދު ކުރި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އަނެއްކާވެސް އިންސާނީ ހައްގުތަކުގެ ދުވަސް ފާހަގަކުރަމުންދާއިރު ފާއިތުވެދިޔަ ދެ އަހަރުގައި ޖަލުގައި ގޮތްނޭނގޭ 8 މަރު ހިނގާފައިވާ ކަމަށާއި ގޭންގު ކުށްތަކުގައި އެތައް ބަޔަކު މަރާލާފައިވާއިރު އިންސާފު ނުލިބޭ ކަމަށެވެ.

އަދި ރާއްޖެއަށް ގެނައި ޑިމޮކްރަސީގެ މައިގަނޑު އަސާސަކީ ނުހައްގުން ދޭ އަނިޔާ ހުއްޓުވުމަށް ކަމަށް ނަޝީދު އިތުރުކޮށްފައިވެއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވަނީ 2001 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަރާލާފައިވާ މީހުންގެ ޓައިމްލައިނެއް ތައްޔާރުކޮށްފައެވެ.

މިއަދާ ހަމައަށް 63 މީހަކު ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާއިރު ގޭންގު ކުށްތަކުގައި މަރާލާފައިވާ މީހުންނާއި ފައިސާގެ ދަހިވެތިކަމުގައި މަރާލި މީހުން އަދި އެހެނިހެން ކުށްތަކުގައި މަރާލާފައިވެއެވެ. އެމީހުންގެ އާއިލާތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މިއަދާއި ހަމައަށްވެސް އިންސާފު ލިބިފައިނުވުމެވެ.

ބައެއް މީހުން މަރާލި މީހުން ފުލުހުންގެ ތަހުގީގަށް ހޯދާފައިވާއިރު ބައެއް މީހުންގެ މައްޗަށް މަރަށް މަރު ހިފަން ކޯޓުން ވަނީ ހުކުމްކޮށްފައެވެ. ސަރުކާރުން ވަނީ އެކިފަހަރު މަތިން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ބުނެފައެވެ.