Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ޖާދު ކައިރިން ފަހަން ދަސްކުރަން ފުރުސަތެއް

މަޝްހޫރު ފެޝަން ޑިޒައިނަރު އަދި ފިލްމީ ތަރި ޖާދުﷲ އިސްމާއީލް (ޖާދު) ގެ ފަރާތުން ފަހަން ދަސްކުރަން ބޭނުން ނަމަ މިއޮތީ މިކަމަށް ޝައުގުވެރިވާ އައްޑޫ މިހުންނަށް ރަނުގެ ފުރުސަތެކެވެ.

އޭނާ ފަހަން ދަސްކޮށްދޭ ކޯހެއް ހިތަދޫގައި ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. ނަން ނޯޓް ކުރަން ގުޅަން ޖެހޭ ނަމްބަރަކީ 7944611 އެވެ.

ބައިވެރިވާން ބޭނުންވާ ނަން ނޯޓް ކުރުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ އިރު، ބައިވެރިވާން 1،750ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މި ކޯހަކީ ހިތަދޫ އީޒީ އެކްސް ޓެއިލާޒް އިން އިންތިޒާމްކޮށްގެން އަންނަ މަހުގެ 15 އިން ފެބްރުއަރީ 15 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކޯހެކެވެ.

މި ކޯހުގައި ޑިޒައިން ކުރަން ދަސްކޮށް ދިނުމާއި ޕާޓީ ޑްރެސް ކަނޑަން ދަސްކޮށް ދިނުމުގެ އިތުރަށް މާހެދުމާއި ބީޑް ވޯކް ދަސްކޮށް ދެވޭނެ އެވެ.

ރާއްޖޭގެ މަޝްހޫރު ގިނަ ސެލެބްރިޓީންގެ ހެދުންތައް ޑިޒައިންކޮށްފައިވާ ޖާދުއަކީ މި އަހަރު ރިލީޒްވި "ނޭދެން ވަކިވާކަށް" އިން ފިލްމް ވެސް ކުޅެން ފަށާފައިވާ އެކްޓަރެއް ވެސް މެ އެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ ފެބްރުއަރީ 6 ގައި ރިލީޒް ކުރާ "ދެވަންސޫރަ" އެވެ.