Last Updated: June 16, 09:52
Tuesday, June 16, 2026
ޚަބަރު

އާސެނަލް އެއްވަރުވެ އިތުރު ހިތްދަތި ކަމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލްއާއި ސަދަމްޓަން ކުޅުނު މެޗު 1-1 އިން އެއްވަރުވެ އިތުރު ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑު އަތުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަލިވެ އާސެނަލް މިމެޗަށް ނިކުމެފައިވަނީ ތިން ޕޮއިންޓު ހޯދައި ޗެލްސީ ބަލިވުމުގެ ފައިދާ ނެގުމުގެ ނިޔަތުގައެވެ.

ނަމަވެސް ސަދަމްޓަންގެ ޗާލީ އޮސްޓިން ވަނީ މެޗުގެ ތިންވަނަ މިނެޓުގައި އާސެނަލް ކޮޅަށް ގޯލު ޖަހައި އަމާޒު ހާސިލުކުރުމަށް އިތުރު ގޮންޖެހުންތަކާ ކުރިމަތި ކުރުވާފައެވެ.

މެޗުގެ ބޮޑުބައި އިތުރު ލަނޑެއް ނުފެނި ކުޅެފައިވާއިރު އާސެނަލްއަށް ނަތީޖާ އެއްވަރުކޮށްދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް އޮލިވިއާ ޖިރޫޑުއެވެ. އޭނާ ވަނީ މިހާރު އާސެނަލްއަށް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުމެ 17 ލަނޑު ޖަހާފައެވެ. މިއީ ޔުނައިޓެޑަށް ސޯލްސްކެއާވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނިކުމެ ލަނޑު ޖެހި އަދަދެވެ.

މެޗުން އެއްވަރުވެ އާސެނަލް އަށް ދެޕޮއިންޓު ގެއްލިފައިވާއިރު މިރޭ ލިވަޕޫލާއި އެވަޓަން ކުޅޭ މެޗު ލިވަޕޫލުން ކާމިޔާބުކޮށްފިނަމަ ޗެލްސީގެ ކުރިއަށް އަރާނެއެވެ. އާސެނަލް މިހާރު އޮތީ 29 ޕޮއިންޓާއެކު ފަސްވަނައިގައެވެ. ޓޮޓެންހަމް ހޮޓްސްޕާސް ހަވަނައިގައި އޮތީ 28 ޕޮއިންޓާއެކުގައެވެ.