ބައިނަލްއަޤުވާމީ އިންސާނީ ހައްގުތަކުގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާ އިރު ރާއްޖޭން، ރައްޔިތުންނަށް ހައްގު ހޯދައި ދިނުމުގައި ފަޚުރުވެރިވުން ހައްގު ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެ އެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިގެން ފޮރިން މިނިސްޓަރު އާސިމް މިއަދު ނެރުއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެއިން ކުޑަކުދިންގެ ހައްގު ހިމާޔަތްކުރުމާއި، އަންހެނުން ބާރުވެރިކުރުން އަދި ތައުލީމު ފޯރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.
ނަމަވެސް ދީނީ ހައްދުފަހަނަޅައިދިއުމާއި މޫސުމީ ބަދަލުތަކާއި ފިތުނަވެރި ޚިޔާލުތައް ހަލުވިމިނުގައި ފެތުރެމުންދާ މިދަނޑިވަޅުގައި ހައްގުތައް ހިމާޔަތްކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ. އަދި މިއަހަރުގެ ޝިޢާރުގައި ބުނާ ގޮތަށް އެންމެން އެކުގައި ތެދުވެ، އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގެ ވައުދާ އެއްގޮތަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފައިވެއެވެ.
އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރު މީހުންގެ އަބުރަށް އަރައިގަތުން އިތުރުވެފައިވާކަން ފާހަގަކުރެވޭ ކަމަށެވެ. ނަމަވެސް ހައްގުތައް ހިމާޔަތްކުރުމަށް ކުރި މަސައްކަތުގައި ކާމިޔާބީ ލިބިފައިވާކަންވެސް އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން ވަނީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ހިއުމަން ރައިޓްސް ކޮމީޝަނާއި ސަރުކާރުންވެސް ނުކުޅެދިފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ. ޖަލުގައި ގޮތް ނޭނގޭ ގޮތަށް މަރުވި މީހުންގެ އަދަދު އިތުރުވުމާއި ގޭންގު ކުށްތަކުގައި މަރުވާ މީހުންގެ އަދަދު އިތުރުވުން ސަބަބަކަށް އިދިކޮޅު ފަރާތްތަކުން ދެކެއެވެ.