Last Updated: June 8, 10:34
Monday, June 8, 2026
ޚަބަރު

"ރިކޯޑް މިންވަރަކަށް އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވޭ"

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އަކީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން ރިކޯޑް އަދަދަކަށް އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެ އެވެ.

ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްތިޔާޒް ވިދާޅުވީ ސަރުކާރުން ރިކޯޑް އަދަދަކަށް އިންސާނީ ޙައްޤުތަކަށް އަރައިގަތް ނަމަވެސް އިންސާނީ ޙައްޤުތައް ދިފާޢުކޮށް ރައްކާތެރި ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކުރި އެއްވެސް ކަމެއް ނެތް ކަމަށެވެ. އިމްތިޔާޒް ވިދާޅުވީ އޭގެ ބަދަލުގައި ފެންނަމުން ދަނީ އެޗްއާރްސީއެމުން އެކިއެކި ޖަރީމާތަކަށް ހިތްވަރުދޭ މަންޒަރު ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުން ގަސްތުގައި، ރާވައި، އިންތިޒާމްކޮށް، ފަރުމާކޮށްގެން މި ޙައްޤުތަކަށް އަރައިގަންނަމުންދާ އިރު އެޗްއާރްސީއެމުން އެއްވެސް މަސައްކަތެއް ނުކޮށް އޮންނަ ކަން ފާހަގަކުރައްވައި އިމްތިޔާޒް ވަނީ އެ ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

"ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ ޙައްޤުތައް ދިފާޢު ކުރުމަށްޓަކައި، ހުންނަ މުއައްސަސާތައް، ޤާނޫނު އަސާސީގައި ކަނޑައެޅިފައިވާ މުއައްސަސާތައް، ވެފައި މިވަނީ އެތަނުގައި ތިބޭ މުވައްޒަފުން ނުވަތަ ކޮމިޝަނަރުން، ދެކެވަޑައިގަންނަވާ ގޮތުގައި އެބޭފުޅުންނަށް އެންމެ މުހިއްމީ މަޤާމުގަ ދެމިތިބުން. ޖޮބްލެސް ބަޔަކަށް ޖޮބް ލިބުނީމާ އިހުސާސްވާ ގޮތް އެބޭފުޅުންނަށް އިހުސާސް ވަނީ. އެބޭފުޅުންގެ ސިކުނޑީގެ ހުރިހާ ހަރަކާތެއް ގޮސް ހުއްޓި ތާށިވަނީ، މަޤާމު ދިފާޢުކުރެވޭނީ ކިހިނެއްތޯ"

މީގެ އިތުރުން ފާއިތުވި 4 އަހަރެއްހާ ދުވަހުގެ ތެރޭގައި ގޮތްނޭނގޭ އެތައް މަރުގެ ހާދިސާއެއް ހިނގާފައިވާތީ އެކަމާއި ގުޅިގެން އިމްތިޔާޒް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.