ދެހާސް ފަނަރަ ވަނަ އަހަރު ފުލުހުންގެ މުއައްސަސާއިން މާލިއްޔަތު ގާނޫނާ ޚިލާފަށް 3 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާކަން ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޮފީހުން އިއްޔެ އާންމުކުރި ހޯމް މިނިސްޓްރީގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ހާމަވާ ގޮތުގައި މާލިއްޔަތުގެ ގާނޫނާއި ޚިލާފަށް 3,118.436 (ތިން މިލިއަން އެއްލައްކަ އަށާރަ ހާސް ހަތަރު ސަތޭކަ ތިރީސް ހަޔެއް) ރުފިޔާ ޚަރަދުކޮށްފައިވެ އެވެ.
މާލިއްޔަތު ޤާނޫނުގައި ގަންނަ ތަކެތި ނުވަތަ ހޯދާ ހިދުމަތުގެ އަގު 25،000 ރުފިޔާއަށް ވުރެ ބޮޑުނަމަ އެ ތަކެތި ހޯދަންޖެހޭނީ އާންމުކޮށް އިއުލާންކޮށްގެން ލިބޭ އަންދާޒީ ހިސާބަށް ބަލައިގެން ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ފުލުހުން އަމަލުކޮށްފައި ވަނީ އެގޮތާއި ޚިލާފަށް ކަމަށެވެ.
2015 ވަނަ އަހަރު ޤާނޫނާއި ޚިލާފަށް ފުލުހުން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ، މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރުމަށް ފުލުހުން އެކުލަވާލާފައިވާ “ފާރަ ގެމަ” ނުވަތަ ކުއްތާ ސްކޮޑަށެވެ. އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުން ފާރަ ގެމަ ސްކޮޑަށް މާލިއްޔަތު ޤާނޫނާއި ޚިލާފަށް 1،312،037 (އެއް މިލިއަން ތިން ލައްކަ ބާރަ ހާސް ތިރީސް ހަތެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
މީގެ އިތުރުން 2015 ވަނަ އަހަރުގެ ތެރޭގައި ޓޯކުރެވޭ އެއްގަމު އުޅަނދު ބެހެއްޓުމަށް ހެދި އިމާރާތެއްގެ ވަށާފާރު ރޭނުމަށް ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާއިރު އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ބޭނުންވާ ތިން މެޝިނެއް ގަތުމަށް ހަތަރު ލައްކަ އަށް ވުރެ ގިނަ ރުފިޔާ ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވެއެވެ.
އަދި ފުލުހުންގެ ބޭނުމަށް 10 މޫވީ ކެމެރާ ގަތުމަށް 121،370 (އެއްލައްކަ އެކާވީސް ހާސް ތިންސަތޭކަ ހަތްދިހަ) ރުފިޔާ ޤާނޫނާއި ޚިލާފަށް ޚަރަދުކޮށްފައިވެއެވެ.