އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކޮށް ސިޓީ، ޔުނައިޓެޑުގެ 40 މެޗު އަމިއްލަ ދަނޑުގައި ބަލިނުވެ ދެމެހެއްޓި ރެކޯޑު ނިމުމަކަށް ގެނެސްފިއެވެ. މީގެ އިތުރުން ސިޓީ ވަނީ ރޭގެ މޮޅާއެކު ޕްރިމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވި ޓީމަށް 14 މޮޅާއެކު ވެފައެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މިމެޗުގައިވެސް ޔުނައިޓެޑުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނިގެން ދިޔައީ ޑިފެންސިވް ގޭމެކެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ސިޓީ އިންނެވެ. މެޗުގެ ފުރަތަމަ ގޯލު ކޯނަރަކުން ޖަހާފައިވަނީ 43 ވަނަ މިނެޓުގައި ޑޭވިޑް ސިލްވާއެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޔުނައިޓެޑުގެ މާކަސް ރަޝްފޯޑް ވަނީ ގޯލެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ޔުނައިޓެޑު ކުޅުންތެރިން ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. ނަމަވެސް ސިޓީއިން ވަނީ ލިބުނު ހިލޭ ޖެހުމެއްގެ ފައިދާ ނަގައި 54 ވަނަ މިނެޓުގައި އަނެއްކާވެސް ލީޑު ނަގާފައެވެ. ޔުނައިޓެޑު އޭރިޔާ ތެރެއަށް އައި ބޯޅަ ސާފުކުރަން ލުކާކޫ އުޅެނިކޮށް އޭނާއަށް ހެދުނު ގޯހަކުން ބޯޅަ ލިބުނީ ސިޓީގެ އޮޓަމެންޑީއަށެވެ. އޭނާ ވަނީ ހުސް ގޯލަކަށް ބޯޅަ ފޮނުވާލައިގެން ލީޑު ނަގާފައެވެ.
ގޯލަށް ފަހު ޔުނައިޓެޑުން އަނެއްކާވެސް ނަތީޖާ އަނބުރާލުމަށް ބުރަކޮށް މަސައްކަތް ކުރިއެވެ. އޭރިޔާ ތެރެއިން ލުކާކޫއަށް ލިބުނު ހުސް ފުރުސަތު ކީޕަރު އެޑާސަން ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ. ދެވަނަ ފަހަރަށް ފޮނުވި ބޯޅަވެސް ގޯލުގެ ތެރެއަށް ވެދެވޭނެ ގޮތެއް ނުވިއެވެ. މެޗުގެ ފަހު 15 މިނެޓުގައި ސިޓީ ކުޅުންތެރިންގެ ފަރާތުން ވަގުތު ދުއްވާލުމުގެ އުކުޅުތައް ފުރިހަމައަށް ބޭނުންކުރަމުންދިޔަތަން ފެނިގެން ދިޔައެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ގާޑިއޯލާ ބުނެފައިވަނީ އޭނާގެ ކުޅުންތެރިންގެ މޮޅު ކުޅުމުން ނަތީޖާ ހައްގު ކަމަށެވެ. ނަމަވެސް ޑިސެމްބަރުގައި ލީގު ލިބިފައިވާ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށާއި އަދިވެސް ބުރަ މަސައްކަތް ކުރަން ޖެހޭ ކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ. މޮރީނިއޯ ބުނެފައިވަނީ ލީގު ރޭސް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައި ކަމަށެވެ. ނަމަވެސް އަދިވެސް ދެން ތިބި ޓީމުތަކުން މަސައްކަތް ކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.
ސިޓީ ވަނީ މިމޮޅާއެކު ދެވަނައިގައި އޮތް ޔުނައިޓެޑާއި ދެމެދު 11 ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ. އަދި ގޯލުގެ ތަފާތުވެސް 12 ގޯލަށް ބޮޑުކޮށްފައެވެ. އަދި ލީގުގައި ޖެހިޖެހިގެން މޮޅުވަމުން އަންނަ 14 ވަނަ މެޗަށް މިމެޗު ވަނީ ވެފައެވެ. މިއީ ޕްރިމިއާ ލީގު ތާރީޚުގައިވެސް ޖެހިޖެހިގެން އެންމެ ގިނައިން މޮޅު ހާސިލު ކުރި ފަހަރެވެ.