ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ކިޔަވައިދޭ ކޯސްތަކުގެ ފީ، އަންނަ އަހަރުން ފެށިގެން ބޮޑު ކުރަން ނިންމައިފި އެވެ.
ޔުނިވާސިޓީން މައުލޫމާތު ދޭ ގޮތުގައި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ކޯސްތަކުގެ ފީ ގެ ގޮތުގައި ދައްކަން ޖެހޭ އަދަދު އެނގޭނީ ހުރިހާ މޮޑިއުލްއެއްގެ އަދަދު، ކިޔަވަމުންދާ ކޯހުގެ ކްރެޑިޓް ޕޮއިންޓުތަކާއި އެއްކުރުމަށްފަހު މިހާރު ކަނޑައަޅާފައިވާ ރޭޓުން ގުނަކުރުމުން ކަމަށެވެ.
ދަރިވަރުން ބުނާ ގޮތުގައި މި ބަދަލާއެކު މިދިޔަ އަހަރުގެ އަދަދާ މިއަހަރުގެ އަދަދު އަޅާ ބަލާއިރު %10 ވަނީ އިތުރުވެފައި ކަމަށެވެ.

ކްރެޑިޓް ޕޮއިންޓް ނުހިމެނޭނަމަ ކޯސް ހިމެނޭ ބޭންޑުގެ ކްރެޑިޓް ޕޮއިންޓުގެ ފީ ގެ އަދަދު 120 އާ ގުނަ ކުރުމުން އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ލިބޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ޔުނިވާސިޓީގެ ޚަރަދުތަކަށް ބަލާއިރު ފީގެ އަގަށް ބަދަލު ގެނައުމުގެ ހުއްދަ ގައުމީ ޔުނިވާސިޓީގެ ގާނޫނުން ލިބިގެން ދެއެވެ. އަދި ފީއަށް ބަދަލު އަތުވެދާނެ ކަމަށް އެމްއެންޔޫގެ ވެބްސައިޓުގައިވެސް ބަޔާންކޮށްފައި އޮވެއެވެ.