Last Updated: April 26, 18:07
Friday, April 26, 2024
ރިޕޯޓް

މައިންބަފައިން ދަރިން މިކަންކަމާ ދުރު ކުރޭ!

މާ ގިނައިން ޓީވީ ބެލުމާއި ސްމާޓްފޯނާއި އައިޕެޑް ފަދަ ތަކެއްޗާ ކުޅުމަކީ ބޮޑު މީހުންނެކޭ އެއްގޮތަކަށް ކުޑަކުދިިންނަށް ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ. އެހެންވެ ބަލަންވީ ވީހާ ވެސް ބޮޑަށް އެފަދަ ތަކެއްޗާ ދުރުވުމެވެ.

ހާއްސަކޮށް ބޮޑުވަމުން އަންނަ ކުދިން ޓީވީ އާއި ފޯނާއި އައިޕެޑް ފަދަ ތަކެއްޗާ ދުރު ކުރަން މައިންބަފައިން ވެސް ހާއްސަ ސަމާލު ކަމެއް ދޭން ޖެހިފަ އެވެ.

ފަހުގެ ދިރާސާއަކުން ދައްކާ ނަތީޖާއަކީ މިއެވެ؛ ނިދުމުގެ ކުދިން ޓީވީ ބެލުމާއި ސްމާޓް ފޯނާ ނުވަތަ އައިޕެޑް ފަދަ ތަކެއްޗާ ކުޅެން އިނުމަކީ ސިއްހީ ގޮތުން މައްސަލަތަކެއް ދިމާވެދާނެ ކަމެކެވެ. ވަކިން

ހާއްސަކޮށް ބަރުދަން އިތުރުވެ، ފަލުވުމުގެ ނުރައްކާ މިއާދަތަކާ އެކު ފަހިވެގެންދެ އެވެ. ނަތީޖާއަކީ ނިދި މަދުވުމާ އެކު ބޮޑު މާސް އިންޑެކްސް (ބީއެމްއައި) އުފުލުމެވެ.

މި ދިރާސާ ހެދި އެމެރިކާގެ މެޑިސިން ޕެން ސްޓޭޓް ކޮލެޖްގެ ރިސާޗަރު ކެއިޓްލީން ފްލާ ވިދާޅުވީ ކުޑަކުދިންގެ މެދުގައި ބީއެމްއައި މަތިވާ މައިގަނޑު އެއް ސަބަބަކީ ނިދި މަދުވުން ކަމަށެވެ.

"މިހެން ދިމާވަނީ މި ފަހަކަށް އައިސް ކުދިން ރޭގަނޑު ނިދުމުގެ ކުރިން މާ ބޮޑަށް ޓީވީ ބެލުމާއި އައިޕެޑާއި ފޯނާ ކުޅުން ފަދަ ކަންކަމުގައި ރޭގަނޑުގެ ގިނަ ވަގުތަކެއް ހޭދަކޮށްލާތީ،" އޭނާ ވިދާޅުވި އެވެ. "ހަމަމިއާ އެކު ހެނދުނު ހެނދުނާ ވެސް އެ އާދަތައް ގެންގުޅޭ ނަމަ ސިއްހީ މައްސަލަތައް އިތުރުވުމުގެ ފުރުސަތު ބޮޑު."

މީގެ ކުރިން ހަދާފައިވާ ދިރާސާއަކުން ވެސް ދައްކާފައިވާ ގޮތުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ތެރެއަށް ކުޑަކުދިން މާ ބޮޑަށް ގެނބިއްޖެ ނަމަ، ނަފުސާނީ މައްސަލަތަކާއި ކަންކަމަށް ޝައުގުވެރިކަން ދެވޭ މިންވަރު ކުޑަކޮށްލަ އެވެ.

މިސާލަކަށް ޑިޕްރެޝަނަށް މަގުފަހިވުމާއި އަމިއްލަ އަށް މަރުވުން ފަދަ ވިސްނުންތައް މީގެ ސަބަބުން ސިކުނޑި އަށް ވެރިކުރުވަ އެވެ.

އެހެންވެ މައިންބަފައިން ދަރިންނަށް ވަރަށް ބޮޑަށް ސަމާލުވާން ޖެހެ އެވެ. އަދި ވީހާ ވެސް ބޮޑަށް ދަރިންގެ ހަރަކާތްތައް ބަލަން އާދަ ވެސް ކުރަން ޖެހެ އެވެ.