Last Updated: June 16, 09:52
Tuesday, June 16, 2026
ޚަބަރު

އެންމެ ހިތްގައިމު ހަނީމޫން މަންޒިލަކީ ރާއްޖެ

ވޯލްޑް ޓްރެވެލް އެވޯޑުގައި މިފަހަރު ދިވެހި ރާއްޖެއަށް ވަރަށް ޝަރަފުވެރި ދެ އެވޯޑު ލިބިއްޖެއެވެ. ދުނިޔޭގެ އެންމެ ހިތްގައިމު ހަނީމޫން ޑެސްޓިނޭޝަން އެވޯޑާއި އިންޑިޔާ ކަނޑުގެ އެންމެ ހިތްގައިމު ފީނުމުގެ މަންޒިލުގެ އެވޯޑު ރާއްޖެއަށް މިފަހަރު ވަނީ ލިބިފައެވެ.

ވިއެޓްނާމްގެ ޖޭ.ޑަބްލިއު މެރިއޮޓް ހޮޓެލްގައި ބޭއްވި މިއެވޯޑު ހަފްލާގައި ރާއްޖެ މި ދެއެވޯޑު ހޯދާފައިވަނީ ވާދަވެރި، ބޮޑު ގައުމުތަކާއި ވާދަކޮށްގެންނެވެ.

ދިވެހި ރާއްޖެއިން އެވޯޑު ހޯދާފައިވަނީ ތައިލެންޑް، ހަވާއި އަދި ސީޝެލްސް ފަދަ ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރާފައިވާ ގައުމުތަކާއި ވާދަކޮށްގެންނެވެ. އެމެރިކާ އަދި އެކުވެރި އަރަބި އެމިރޭޓާއިވެސް ރާއްޖެއިން ވަނީ މިއެވޯޑު ހޯދުމަށް ވާދަކޮށްފައެވެ.

ރާއްޖޭގެ ފަރާތުން އެވޯޑުތައް ބަލައިގެންފައިވަނީ އެމްއެމްޕީއާރްސީގެ އެކްޓިން މެނޭޖިން ޑިރެކްޓަރ، ހާރިސް މުޙައްމަދެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ފަޚުރުވެރި ކާމިޔާބީއެއް ކަމަށެވެ.