Last Updated: June 16, 09:52
Tuesday, June 16, 2026
ކުޅިވަރު

ވިޔަރެއަލް ބަލިކޮށް ބާސާ ހަމަޖެހިލައިފި

ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާ އަދި ވިޔަރެއާލް ބައްދަލުކުރި މެޗުން މޮޅުވެ ބާސާ އެއްވަނައިގައި ގާއިމްކުރި ލީޑު ދަމަހައްޓައިފިއެވެ.

މެސީއާއި ސުއަރޭޒްގެ ގޯލުން ބާސާއަށް ތިން ޕޮއިންޓު ލިބިފައިވާއިރު ރޭ ބާސާގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. ނަމަވެސް ވިޔަރެއާލްގެ ރަބަސެޑާ އެންޓޮލިންއަށް ރެފްރީ ވަނީ މެޗުގެ 60 ވަނަ މިނެޓުގައި ރަތް ކާޑެއް ދައްކާފައެވެ. ބާސާގެ ދެގޯލުވެސް ފެނިގެން ގޮސްފައިވަނީ ކާޑަށް ފަހުގައިކަން ފާހަގަކޮށްލެވެއެވެ.

ފުރަތަމަ ގޯލު 72 ވަނަ މިނެޓުގައި ޖެހީ ސުއަރޭޒްއެވެ. ދެވަނަ ގޯލު 83 ވަނަ މިނެޓުގައި ޖަހާފައިވަނީ މެސީއެވެ. ބާސާއިން ވަނީ މިމެޗުގައި ވިޔަރެއާލްގެ ގޯލަށް 16 ހަމަލާ ފޮނުވާލާފައެވެ. ގޯލާއި އަމާޒުވެފައިވަނީ އޭގެތެރެއިން 6 ހަމަލާއެކެވެ. ވިޔަރެއާލްއިން 9 ހަމަލާ އުފައްދާފައިވާއިރު 5 ހަމަލާ ގޯލާއި އަމާޒަށް ފޮނުވާފައިވެއެވެ.

ބާސާ ވަނީ ރޭގެ މޮޅާއެކު ދެވަނައިގައި އޮތް ވެލެންސިއާއާ ދެމެދު އޮތް ފަރަގު 5 ޕޮއިންޓަށް ބޮޑު ކޮށްފައެވެ. ބާސާއަށް 39 ޕޮއިންޓު ލިބިފައިވާއިރު ވެލެންސިއާއަށް ލިބިފައިވަނީ 34 ޕޮއިންޓެވެ. ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތް އިރު ރެއާލް މެޑްރިޑް އޮތީ ހަތަރުވަނައިގައި 31 ޕޮއިންޓު ލިބިގެންނެވެ.