Last Updated: July 1, 20:14
Wednesday, July 1, 2026
ޚަބަރު

އަވަށު ބޯޑު މައްސަލާގައި ނުފޫޒެއް ނެތް: އޭސީސީ

އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ސާދިގް

އައްޑޫގެ އަވަށު ބޯޑުތައް އުފައްދައި، ބޯޑުތަކުގެ ރައީސުންނާއި ނައިބް ރައީސުން ހަމަޖެއްސީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅައި 10 އެޕްރީލް 2012ގައި އައްޑޫގެ މޭޔަރަށް ފޮނުއްވި ސިޓީއަށް އަމަލްކޮށްފައި ނުވާތީ އެމައްސަލަ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވީ އެއްވެސް ފަރާތެއް ނުފޫޒަކާއި ނުލައި ކަމަށް އެންޓި ކަރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އާއި އަދި ކައުންސިލްގެ ވަކިވަކި މެމްބަރުންގެ މައްޗަށް ދައުވާކޮށް ދިނުމަށް އެދި އޭސީސީން ޕީޖީ އަށް ހުށަހެޅި މައްސަލާގައި އެކަން ކޮށްފައި ވަނީ ނުފޫޒު ފޯރުވައިގެން ކަމަށް އޭސީސީން ބުނެފައިވާ ކަމަށް އައްޑު ސިޓީގެ ބައެއް ކައުންސިލަރުން ބުނެފައިވާތީ އެކަން ބެލުމަށް "އައްޑޫ ލައިވް"ން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ ނައިބް ރައިސް މުއައްވިޒް ރަޝީދު ވިދާޅުވީ ކަމިޝަނުގެ އެއްވެސް މައްސަލައަކަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

މުއައްވިޒް ވިދާޅުވީ އޭސީސީން މައްސަލަތައް ތަހުޤީޤު ކުރަނީ ކަމިޝަނަށް ލިބިގެންވާ ބާރާއި އިހްތިޔާރުގެ ދަށުން ކަމަށް ވީހިދު އައްޑޫ ސިޓީ ކައުންސިލް މައްސަލާގައި އެއްވެސް ފަރާތަކުން މައްސަލަ ވަކިގޮތަކަށް ހެދުމަށް ނުފޫޒު ފޯރުވާފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންގެ މަސައްކަތަކަށް އެއްވެސް ނުފޫޒެއް ނުފޯރާ. އެއީ ޔަޤީން ކަމެއް،" މުއައްވިޒް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލުން އަވަށު ބޯޑުތައް އުފައްދައި އެމާގާމުތަކަށް މީހުން އައްޔަންކޮށް މުސާރަ ހަމަޖެއްސި މައްސަލާގައި ދައުލަތަށް ލިބުނި ގެއްލުމުގެ ބަދަލު ހޯދުމަށްވެސް އޭސީސީން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އަދި މޭޔަރުގެ މައްޗަށް ވަކިން ދައުވާ ކުރުމަށް ވެސް ވަނީ ފޮނުވާފަ އެވެ.