Last Updated: April 24, 20:13
Wednesday, April 24, 2024
ޚަބަރު

2018 ގެ އާމްދަނީން 61.6 މިލިއަން އުނި ވާނެ

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓް(އެފްޓީއޭ) ގެ ސަބަބުން 2018 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން 61.6 މިލިއަން ރުފިޔާ ގެއްލިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކޮށްފި އެވެ.

މި ފައިސާ އަކީ އަންނަ އަހަރު އެފްޓީއޭ އަށް އަމަލުކުރަން ފެށުމާ ގުޅިގެން އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީން އުނިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ލަފާކުރި އަދަދެވެ.

މިގޮތަށް ބަޔާން ކޮށްފައި ވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އެފްޓީއޭ އާއި ގުޅޭ ލިޔުންތަކުގައެވެ.

އިމްޕޯޓް ޑިއުޓީން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން 61.6 މިލިއަން ރުފިޔާ ގެއްލިގެންދާއިރު އެ ފައިސާ ހޯދާނީ ވިޔަފާރިތައް އިތުރަށް ފުޅާކޮށްގެން ކަމަށް ސަރުކާރުން ބުނެއެވެ. އެހެން ނަމަވެސް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ގެއްލިގެންދާ ފައިސާ ހޯދުމަށް ޓެކްސް ނިޒާމަށް ބަދަލު ނުގެންނާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މަޖިލީހަށް ފޮނުވާފައިވާ ލިޔުންތަކުގައި ބުނެފައިވާ ގޮތުން ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވާ ފްރީ ޓްރޭޑް އެގްރިމަންޓަށް އަމަލުކުރަން ފެށުމާ ގުޅިގެން ރާއްޖެއަށް އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭ އާމްދަނީން ގިނަވެގެން ވެސް ގެއްލިގެންދާނީ 123.4 މިލިއަން ރުފިޔާ އެވެ.

ފްރީ ޓްރޭޑް އެގްރިމެންޓްގައި ދިވެހިރާއްޖެއާއި ޗައިނާ އިން ސޮއިކުރީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިދިޔަ ހަފްތާގެ ތެރޭގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި މިމަހުގެ ހަތްވަނަ ދުވަހު އެވެ.