Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

އިންތިޚާބަށް މިތިބީ ތައްޔާރަށް: ސައުދު

ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން: ފޮޓޯ - މަޖިލިސް

އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް އިއުލާންކުރި މެމްބަރުން ތިބީ ބައި އިލެކްޝަން ބާއްވައިފިނަމަ، އިންތިޚާބަށް ތައްޔާރަށް ކަމަށް ވިލިނގިިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ. އެންމެ ފުރަތަމަ ގޮނޑި ގެއްލިފައިވާކަމަށް އީސީން އިއުލާންކުރި ހަތަރު މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައުދު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ.

އޭނާ އިތުރަށް ވިދާޅުވެފައިވަނީ ބައި އިލެކްޝަން ބާއްވާކަށް ގާނޫނު އަސާސީ އަދި ސުޕްރީމް ކޯޓުގެ އަމުރުވެސް ތަން ނުދޭ ކަމަށެވެ. އެހެންނަމަވެސް ގާނޫނާއި ޚިލާފަށް އިލެކްޝަންސް ކޮމިޝަނަށް ލިބިފައިނުވާ ބާރަކުން ގޮނޑި ގެއްލުނު ކަން އިއުލާންކުރުމަށްފަހު، ކޮންމެ ވަގުތެއްގައިވެސް އިންތިޚާބު ބާއްވައިފިނަމަ އިދިކޮޅު މެމްބަރުން ތިބީ ތައްޔާރަށް ކަމަށް ސައުދު ވިދާޅުވިއެވެ.

މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ސައުދުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަތީފް، މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު އިބްރާހިމްގެ ގޮނޑި ގެއްލިފައިވާކަން އިލެކްޝަންސް ކޮމިޝަނުން ވަނީ އިއުލާންކޮށްފައެވެ.

އެއްވެސް މެމްބަރެއްގެ ގޮނޑި، އެއްވެސް ހާލަތަކާއި ގުޅިގެން ގެއްލިއްޖެނަމަ 60 ދުވަހުގެ ތެރޭގައި އެދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާއިރު 60 ދުވަހަށްވުރެ ގިނަ ދުވަސް ވަނީ ހަތަރު މެމްބަރުންގެ ގޮނޑި ގެއްލިފައިވާކަން އިއުލާންކުރުމަށްފަހު ވެފައެވެ. އިތުރު އަށް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާކަން އޭގެ ފަހުން އީސީން އިއުލާންކޮށްފައިވާއިރު ބައި އިލެކްޝަންތައް ބޭއްވުމަށް ބޭނުންވާ ބަޖެޓު ނެތިގެން ސަޕްލަމެންޓްރީ ބަޖެޓެއްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ނަމަވެސް މިއަދާއި ހަމައަށްވެސް އިލެކްޝަންސް ކޮމިޝަނުން އެއްވެސް ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވާނެ ދުވަހެއް ކަނޑައަޅައި އިއުލާންކޮށްފައެއް ނުވެއެވެ. އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި އީސީން މިގޮތަށް ކަންތައް ކުރަނީ އިންތިޚާބު ބާއްވައިފިނަމަ ނުހޮވޭނެކަން އެނގޭތީއެވެ. ބައި އިލެކްޝަންތަކާއި ބެހޭ މައުލޫމާތު ހޯދުމަށް "އައްޑޫލައިވް" ގެ ފަރާތުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.