Last Updated: April 20, 17:05
Saturday, April 20, 2024
ދުނިޔެ

ހަ އަހަރުގެ ކުއްޖަކު ރޭޕްކޮށް، މަރާލައިފި

އިންޑިއާގެ އުތުރުގައި އޮންނަ ހަރިޔާނާ ސްޓޭޓްގައި އުމުރުން ހަ އަހަރުގެ ކުޑަކުއްޖަކު ވަރަށް އިހާނެތިކޮށް ރޭޕްކުރުމަށްފަހު މަރާލި މައްސަލައަކާއި ގުޅިގެން ފުލުހުން ދަނީ އެތައް ބަޔަކާއި ސުވާލުކުރަމުންނެވެ.

އެކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ އާދިއްތަ ދުވަހު އެކުއްޖާ ދިރިއުޅޭ ގޭގެ ކައިރިންނެވެ. ލަފާކުރެވޭ ގޮތުގައި އެކުއްޖާ ގެއްލިފައި ވަނީ 8 ޑިސެމްބަރު ވީ ހުކުރު ދުވަހުގެ ރޭ އެވެ.

އެކުއްޖާ އަށް ލިބުނު އަނިޔާތައް ވަނީ އިންޑިއާގެ ރައްޔިތުން ސިއްސުވާލާފައެވެ. ގިނަ ބަޔަކު ވަނީ 2012 ވަނަ އަހަރު ދިއްލީގެ ބަހެއްގެ ތެރޭގައި އަންހެން ކުއްޖަކު ރޭޕްކޮށް މަރާލި ހާދިސާ އާއި މި މައްސަލަ ގުޅުވާފައެވެ.

އެކުއްޖާގެ މަންމަ ބީބީސީ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ މިހާރު 24 ގަޑިއިރު ވެފައިވާ ކަމަށާއި، އެހެންނަމަވެސް ފުލުހުން އަދިވެސް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ އިންސާފް ބޭނުންވާ ކަމަށެވެ.

ފުލުހުން ވަނީ އޭނާގެ ފިރިމީހާގެ ގާތްތިމާގެ ތިން މީހަކާއި ސުވާލުކުރުމަށް ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށްފަ އެވެ. އެހެންނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވެއެވެ. މި މައްސަލައާއި ބެހޭ އިތުރު އެއްވެސް ތަފްސީލެއް ވެސް ހާމަކޮށްފައި ނުވެއެވެ.

މި ޢަމަލު ހިންގި މީހުން ހައްޔަރު ކުރުމަށް އާންމުން ކުރަމުންދާ ޕްރެޝަރުގެ ސަބަބުން ސަރުކާރުން ވަނީ މިހާރު މި މައްސަލަ ތަހުޤީގު ކުރުމަށްޓަކައި ޚާއްސަ ޓީމެއް އެކުލަވާލާފައެވެ. އެގޮތުން އެކްޓިވިސްޓުންނާއި ސިޔާސީ ލީޑަރުން ވެސް ވަނީ މި ހާދިސާ ހިނގި އަށުގައި މުޒާހަރާ ކުރުމަށް އެއްވެފައެވެ.

އެކުއްޖާގެ އާއިލާއިން އެދެނީ މި މައްސަލަ ފެޑެރަލް ފުލުހުން ތަހުޤީގު ކުރުމަށެވެ. އެމީހުން ބުނާގޮތުގައި އަވަށު ފުލުހުންނަށް އެމީހުން އެއްވެސް އިތުބާރެއް ނުކުރެއެވެ.

މި ހާދިސާގައި މަރުވި އަންހެން ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ކުއްޖާ ގެއްލުނު ރޭ އޭނާ ހުރީ މަސައްކަތުގައި ކަމަށެވެ. އަދި މަންމަ ބުނި ގޮތުގައި އެކުއްޖާ ނެތްކަން އެނގުނީ އޭނާ ހެނދުނު ހޭލުމުން ކަމަށެވެ. އެކުއްޖާގެ އިތުރުން މި ދެމަފިރިންގެ އިތުރު ތިން ކުދިން ވެސް ތިބެއެވެ. އެއީ ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖަކު އެވެ.

އެކުއްޖާގެ އާއިލާއިން ބުނެފައި ވަނީ ބުދަ ދުވަހުގެ ހެނދުނު 11:00 ގެ ކުރިން މި މައްސަލާގައި މީހަކު ހައްޔަރު ނުކޮށްފިނަމަ، މުޒާހަރާތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށެވެ.