ވިކްރަމް ބަޓް އަކީ ބިރުވެރި ފިލްމްތައް ޑައިރެކްޓް ކުރުމަށް ފާހަގަކޮށްލެވޭ މީހެކެވެ. އޭނާގެ އެންމެ މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "ރާޒް" ފްރެންޗައިޒްގެ ފިލްމްތަކާއި "1920" ސީރީސްގެ ފިލްމްތައް ހިމެނެއެވެ.
އެގޮތުން ވިކްރަމް ބަޓްގެ ކުރިއަށް އޮތް ފިލްމް ކަމުގައިވާ "1921" ގެ ޓްރެއިލާ ވަނީ މިއަދު ދައްކާލާފައެވެ.
އޮރިޖިނަލް ފިލްމް ރިލީޒް ކުރިތާ 10 އަހަރަށްވުރެ ގިނަ ދުވަސް ފަހުން "1921" ގެ ޓްރެއިލާ މިއަދު ނެރުނުއިރު، މި ފިލްމްގެ ލީޑް ރޯލްތަކުން ފެނިގެންދަނީ ކަރަން ކުންދްރާ އާއި ޒަރީން ޚާން އެވެ.
ފިލްމްގެ ޓްރެއިލާ އިން ފެންނަނީ ލަންޑަން އަށް މިއުޒިކް ކިޔެވުމަށްޓަކައި ދާ އާޔޫޝް ކިޔާ ފިރިހެން ކުއްޖަކަށް އާދަޔާއި ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން، އޭނާ އެކަމުގެ މާހިރެއް ކަމުގައިވާ ރޯސް (ޒަރީން ޚާން) ގެ އެހީ ހޯދާ މަންޒަރެވެ.
މި ދެ މީހުންގެ ދެމެދުގައި ލޯބީގެ ގުޅުމެއް އުފެދިގެން ދިއުމާއެކު، ރޫހާނީ ބާރުތަކުގެ ރުޅި އިތުރަށް ގަދަވެ، އެ ދެމީހުންގެ ދިރިއުޅުން ބަރުބާދުކުރަން މަސައްކަތް ކުރެއެވެ.
މި ބިރުވެރި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 12 ގަ އެވެ.