Last Updated: June 11, 09:15
Thursday, June 11, 2026
ރިޕޯޓް

ސިޓީއެއްގެ މާނައަކީ ކޮބާ؟

މުޅި ދިވެހި ރާއްޖޭގައި ވެސް ބަޔަކު އަމިއްލަ އަށް އެދިގެން ސިޓީއަކަށްް އަދި މިހާތަނަށް ހެދުނީ ހަމައެކަނި އައްޑޫ ސިޓީ އެވެ. އެއީ އައްޑޫ ސިޓީގެ ރައްޔިތުންގެ އަޢުލަބިއްޔަތު މިކަމުގައި އާނއެކޭ ބުނުމުންނެވެ.
ބައެއް މީހުން އޭރު ވެސް ބުނީ ސިޓީއަކަށް މިތަން ނުވާ ކަމަށެވެ. ގިނަ މީހުން އޭރު ވެސް އަދި މިހާރު ވެސް ސިޓީގެ ދަރަޖަ މިނަނީ ހަމައެކަނި އުމްރާނީ ތަރައްގީ އާއި ގުޅުވައިގެންނެވެ. ކަންވާނީ ވެސް މިހެންތާ އެވެ.

ސަބަބަކީ އަހަރެމެން ދުނިޔޭގެ އެކި ތަންތަނަށް ޒިޔާރަތް ކުރުމުން ފެންނަ ސިޓީތައް ހުންނަނީ އުމްރާނީ ގޮތުން ނުހަނު ބޮޑަށް ތަރައްޤީވެފައި ކަމަށް ވާތީވެ އެވެ.
ނަމަވެސް ސިންގަޕޫރު ފަދަ ތަންތަން ވެސް ތަރައްޤީވެ ސިޓީއެއްގެ ސިފަ އައީ އެތައް އަހަރުތަކެއްގެ މަސައްކަތުންނެވެ. އެތަނުގެ މީހުން ވެސް ފެނާއި ނަރުދަމާގެ ނިޒާމުނެތި އެތައް އުނދަގުލެއް 60 ގެ އަހަރުތަކުގައި އުފުލާފައި ވެ އެވެ.

ނަމަވެސް ސިޓިއަކަށްވުމުން ވަކި ވިސްނުމަކާއި ފިކުރެއް ސިޓީގެ މީހުންގެ ވިސްނުމަށް އަންނާން ޖެހެ އެވެ. އަޅުގަނޑު މި ފާހަނގަ ކުރަނީ އިޖްތިމާއީ ގޮތުން އަޅުގަނޑުމެން ވިސްނާ ގޮތެވެ.
އަޅުގަނޑުމެންގެ ވިސްނުން ގޭގެ ގޯތިތެރޭ ފަހަނަޅާ ގޮސް އަވަށުގެ ތެރެއިން ގޮސް ރަށުން ބޭރަށް ގޮސް އަތޮޅު ދުނިން ގޮސް މުޅި ގައުމުގެ ވިސްނުމާއި ހަމަޔަށް ދާން ޖެހެ އެވެ. ތިލަކޮށް ބުނާ ނަމަ އަޅުގަނޑުމެންގެ ވިސްނުން ހުންނަން ޖެހެނީ ހަމައެކަނި ރަށްވަންތަ ވިސްނުމަކުން އެކަންޏެއް ނޫނެވެ.

އައްޑޫ ސިޓީވެސް އުފެދިފައި ވަނީ ރަށްތަކެއްގެ މައްޗަށެވެ. މިއިން ކޮންމެ ރަށެއްގެ ބަޔަކު، ވަކި ވިސްނުމެއް ގެންގުޅެ އެ މީހުންގެ ވަކި ތަސައްވުރެއް ގެންގުޅޭ ނަމަ މުޅި ސިޓީގެ ތަސައްވުރަކަށް ދުވަހަކު ވެސް ނުދެވޭނެ އެވެ. މިއާ ޚިލާފަށް އިޖްތިމާއީ، އަދި އިޤްތިސާދީ ވިސްނުން އެއް އަމާޒަކަށް ގެންގޮސް މުޅިސިޓީ އެއްތަސަވުރަކަށް ބައްޓަން ކުރަން ޖެހެ އެވެ. އަޅުގަނޑަށް އޭރު ވެސް މިހާރު ވެސް ސިޓީއެއްގެ ގޮތަށް އައްޑު ތަރައްޤީވުމަށް އޮތް އެންމެ ބޮޑު ހުރަހަކަށް ފެނުނީ އުމްރާނީ ވަސީލަތްތަކެއް ނޫނެވެ.

އާދެ އެއީ މިބުނާ އެއްބައެއްވަންތަ އެއްބައިވަންތަ ގުޅިފައިވާ އިޖްތިމާއީ ބަދަހިކަމުގެ ވިސްނުމެވެ. ރަށްވަންތަ ކަމާއި އަވަށް ވަންތަ ކަމުގެ ވިސްނުމެވެ. ވަކިވެގެން އަމިއްލަ ވަކި ވިސްނުމެއް ގެންގުޅުމުގެ މައްސަލަ އެވެ.

ކުރިން ވެސް އަދި މިއަދު ވެސް ވަކިން އޮންނަ ހުޅުމީދޫ މީހުން ދެކެނީ އެ މީހުުންނަކީ އަޅާނުލެވި އޮންނަ ފަޤީރު ރަށްފުށުގެ ނުވަތަ ވިލެޖްގަނޑު ކަމަށެވެ. އެމީ ހުންނަށް ވިސްނެނީ ގުޅިފައިވާ 4 ރަށަކީ އެއްކަލަ އައްޑޫ ސިޓީގެ ތަސައްވުރު ކަމުގަ އެވެ.

އެ މީހުންނަށް އެފެންނަ ތާރު އެޅި ދިގު މަގުތަކާއި ވިޔަފާރިތައް އަދި އުމްރާނީ ވަސީލަތްތައް އެއީ އެމީހުން ޤަބޫލު ކުރާ ހަމައެކަނީ ތަރައްގީ އެވެ.
ނަމަވެސް ހަޤީޤީ ތަރައްގީ އަކި ފަހި ފެހި ވެށްޓެއް އޮވެ އަމިއްލަ ފުދުންތެރިކަން ހިމެނޭ ތަރައް ޤީއެވެ. މިގޮތުން ބަލާ އިރު ހުޅުމީދޫ ރައްޔިތުންނަކީ ވަރަށް ހީވާގި އުފެއްދުންތެރި ބަޔެކެވެ. މުޅި އަތޮޅުގައި ވެސް އެންމެ ދަނޑުވެރި އަދި އަމިއްލަ ފުދުންތެރިކަމުން އެންމެ ހިތްހަމަޖެހިގެން އުޅޭ އެއްބަޔަކީ އެ މީހުންކަމުގައި ދެބަސްވެވޭކަށް ނެތެވެ. ނަމަވެސް އެ މީހުން ވިސްނަނީ އެ މީހުންގެ އަމިއްލަ ތަރައްގީގެ ތަސައްވުރަކަށް ދިޔުމަށެވެ.

ކޮންމެޔަކަސް ދުނިޔޭގެ ކުރިއަރާފައިވާ ސިޓީ ތަކުގައިވެސް އެކި ހިސާބުތަކުގައި ކުރަނީ އެކި ކަހަލަ ތަރައްގީގެ މަސައްކަތެވެ. މިގޮތުން ބައެއް ހިސާބުތަކުގައި ކާރުހާނާތައް ހެދިފައި ހުންނަ އިރު ސިޓީގެ އަނެއް ބައިތައް އޮންނާނީ ޓުއަރިޒަމަށް ހުޅުވާލެފި އެވެ.

އަދި ބައެއް ތަންތަނުން އެއީ ރީޓެއިލް ބާޒާރުތަކަށް ހާއްސަ ތަންތަނަށް ވާއިރު އަނެއް ބައި ތަންތަނަކީ ދަނޑުވެރިކަން ކުރާ ތަންތަނެވެ.
މިފަދަ ގޮތަކަށް މުޅި ސިޓީގެ ތަރައްގީގެ މާސްޓަރ ޕްލޭނެއް އޮންނާން ޖެހެ އެވެ. އަދި ހަވީރު ކޮފީ ބޯލަން ސިޓީގެ އެއް ޓައުން އިން އަނެއް ޓައުނަށް ފަސޭހަކަމާ އެކު ދެވޭ ވަރަށް އެތަނުގެ ދަތުރުފަތުރު ކުރުމުގެ ވަސީލަތަތައް ފަސޭހަ ވާންޖެ ހެ އެވެ.

ދުނިޔޭގެ ވަރަށް ގިނަ ސިޓީތަކުގައި އެތަންތަނާއި ވަކިން އޮންނަ ރަށްތައް ވެސް ހިމެނެ އެވެ. އަދި ހަމަ އެހެންމެ އެ ރަށްތަކަށް ވެސް ދެވެނީ ހަމަ އެކަނި ކަނޑުމަގުންނެވެ.
ނަމަވެސް އެ ރަށްތަކުގެ މީހުންނަށް އެމީހުން ބާކިވެ އެއްލާލައިފައިވާ ކަމަކަށް އިހްސާސެއް ނުކުރެ ވެ އެވެ. އެ މީހުންނަކީ މައި ސިޓީގެ މީހުންނަށް ވުރެ އުފާވެރި ބާއްޖެވެރި ދިރިއުޅުން އުޅޭ ބައެއްކަމަށް ގިނަ މީހުން ދެކެ އެވެ. މިސާލަކަށް ދަންނަވާ ނަމަ އޮސްޓްރޭލިޔާގެ ޓައުންސްވިލް ސިޓީ ކައިރީގައި އޮންނަ މެގްނެޓިކް އައިލެންޑް ހިމެނެ އެވެ.

މެގީ އައިލެންޑްގެ ބައެއް މީހުން މަސައްކަތް ކުރަން ކޮންމެ ހެނދުނަކު ފެރީގައި މައި ސޓީއަށް އައިސް ގޮސްވެ އެވެ. ފެރީ ނިޒާމުގެ ފަސޭހަކަން މީގައި ވަރަށް މުހިއްމު ދައުރެއް އަދާކުރެ އެވެ. ހަމަ އެއާ އެކު މައި ސިޓީގެ ގިނަ މީހުން ހަފްތާ ބަންދަށް ހިތް އުފާކޮށްލަން އެންމެ ގިނައިން ދަނީ މެގީއަށެވެ. އެހެންކަމުން އެމީހުންނަށް ވަރަށް ބޮޑެތި އާމްދަނީ ލިބެ އެވެ.

އަހަރެމެން ވެސް ވިސްނާންވީ ވަކިވެގަންނާކަށް ނޫނެވެ. އެއް ތަސައްވުރަކަށް އެއް އަމާޒަކަށް ވާސިލްވުމަށެވެ. އެއް ސިޓީއެއްގެ ވިސްނުން ވިސްނައި ގަންނަން ދަސް ކުރަން އެބަ ޖެހެ އެވެ. އެންމެނަށް ވެސް އެއް ހަމައެއްގައި އެއް އުސޫލަކުން ފުރުސަތުތައް ހުޅުވިފައި ހުރިކަން ދަނެ އެންމެން ގުޅިގެން މަސައްކަތް ކުރަން ދަސް ކުރަން އެބަ ޖެހެ އެވެ. ރަށް ވަންތަކަމާޢި އަވަށް ވަންތަ ކަމުގެ ވިސްނުން ދޫކޮށްލާން ޖެހެ އެވެ.

މިހުރިހާ ކަމެއް ހާސިލް ކުރެވޭނީ މުޅި ސިޓީގެ ތަރައްގީގެ ފުރިހަމަ މާސްޓަ ޕްލޭނެއް އެންމެންގެ ބައިވެރިވުމާ އެކު ހެދިގެންނެވެ.