Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

"ޑިޕްލޮމެންޓުންނާ ބައްދަލު ކުރަން ކައުންސިލްތަކަށް ހުއްދަ ބޭނުން ވާނެ"

އެމެރިކާ ސަފީރު އައްޑޫ އަށް ވަޑައިގެން މޭޔަރ ސޯބެއާއި ބައްދަލުކުރައްވަނީ-

ލޯކަލް ކައުންސިލްތަކުން އެއްވެސް ކަމަކާ ގުޅިގެން ބޭރުގެ ސިޔާސީ ފަރާތްތަކާއި ޖަމާއަތްތަކާ ބައްދަލު ކުރެވޭނީ ޚާއްސަ ހުއްދައެއް ނަގައިގެން ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފި އެވެ.

އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލަރުން ބޭރުގެ ސިޔާސީ ފަރާތްތަކާ ބައްދަލުކޮށް މުއާމަލާތް ކުރާ ނަމަ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާޚިލީ ސިޔާސަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.

އަދި ސަރުކާރުން އެއްބަސްވެ އެކުލަވާލާފައިވާ މުއާހަދާތަކަށް ވެސް ފުށޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންވެ އެފަދަ ކަންކަމަށް ޖާގަ ނުދިނުމަށް ކައުންސިލްތަކުން ބޭރުގެ ސިޔާސީ ފަރާތްތަކާއި ޖަމާއަތްތަކާ ބައްދަލުކޮށް މުއާމަލާތު ކުރެވޭނީ އެލްޖީއޭ އަށް އެކަން ލިޔުމުން އެންގުމަށް ފަހު އެ ފަރާތުން ހޯމް މިނިސްޓްރީއަށް ހުށައަޅައި، ހޯމް މިނިސްޓްރީން ދޭ ޚާއްސަ ހުއްދަ ދިނުމުން ކަމަށް ބަޔާނުގައި ބުންޏެވެ.

އަދި މިއަދު އެކުލަވާލި އުސޫލާ ޚިލާފުވާ ކައުންސިލުތަކާއި ކައުންސިލަރުންނާ ދޭތެރޭ އެކަށީގެންވާ ފިޔަވަޅު އަޅާނެ ކަމަށް އެލްޖީއޭ އިން ބުންޏެވެ.