Last Updated: April 24, 12:21
Wednesday, April 24, 2024
މުނިފޫހިފިލުވުން

އަނުޝްކާ އާއި ވިރާޓް ކައިވެނިކޮށްފި

ބޮލީވުޑްގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ މިއަދު އިޓަލީގައި ކައިވެނިކޮށްްފި އެވެ.

ކުރިން އަޑު އަރާފައި އޮތީ އެ ދެ މީހުންގެ ކައިވެނީގެ ހަފުލާ އޮންނާނީ މާދަމާ ކަމަށެވެ. ނަމަވެސް ދެ ފަރާތުގެ އާއިލާގެ މިހުންނާއި ހަމައެކަނި ވަރަށް ގާތް މީހުން ބައިވެރިވި ކައިވެނީގެ ހަފުލާ އޮތީ މިއަދު މިލާންގެ ހިތްގައިމު ރިސޯޓެއްގަ އެވެ.

ކައިވެނި ކުރިތާ މާ ގިނަ އިރުތަކެއް ނުވަީސް ވިރާޓް ވަނީ ހަފުލާގެ ފޮޓޯއެއް ވެސް ޓްވީޓްކޮށްފަ އެވެ.

އެ ފޮޓޯއާ އެކު ކުރި ޓްވީޓްގައި ވިރާޓް ބުނީ ދެ މީހުން އެކަކު އަނެކަކަށްވީ ވައުދު ފުއްދިފައިވާ ކަމަށާއި އެ ވައުދުގެ މަތީގައި ހަޔާތުގެ ކުރިއަށް އޮތް ދުވަސްތައް ހޭދަ ކުރާނެ ކަމަށެވެ.

އަނުޝްކާ، 29، އާއި ވިރާޓް، 29، ކައިވެނި ވަރަށް ކުއްލި ގޮތަކަށް އިންޑިއާ އިން ބޭރުގައި ބާއްވާފައި މި ވަނީ ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ތިން އަހަރަށް ފަހު އެވެ.

އިންޑިިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ޒިންމާ ވެސް ނަގަމުން އަންނަ ވިރާޓް، އަނުޝްކާއާ ކައިވެނި ކުރި އިރު، އޭނާއަކީ މި ވަގުތު ބޮލީވުޑްގައި ހުރި އެންމެ ކާމިޔާބު އަދި އެންމެ ޑިމާންޑް ބޮޑު ބަތަލާ އެވެ.

ދެހާސް އަށް ވަނަ އަހަރު ފިލްމް "ރަބްނެ ބަނާދީ ޖޯޅީ" އިން ބޮލީވުޑަށް ނުކުމެ "އޭ ދިލް ހޭ މުޝްކިލް" އާއި "ޕީކޭ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަނުޝްކާއަކީ ޕްރޮޑިއުސަރެއް ވެސް މެ އެވެ.

އޭނާގެ ކުރިއަށް ހުރި ފިލްމްތަކުގެ ތެރޭގައި ސަންޖޭ ދަތުގެ ހަޔާތުގެ މައްޗަށް ހަދާ ބައޮޕިކާއި ޝާހްރުކް ހާނާ އެކު ކުޅޭ އާނަންދް އެލް ރާއީގެ ފިލްމާއި ވަރުން ދަވަންއާ އެކު ކުޅެން ހަމަޖެހިފައިވާ "ސުއީ ދާގާ: މޭޑް އިންޑިއާ" ގެ އިތުރުން އަމިއްލަ އަށް ޕްރޮޑިއުސްކޮށް، ބަތަލާގެ ރޯލް ކުޅޭ ތިން ވަނަ ފިލްމް "ޕަރީ" ހިމެނެ އެވެ.

އެނގިފައިވާ ގޮތުގައި އިޓަލީގައި ކައިވެނި ކުރުމަށް ފަހު، އަނުޝްކާ ފިރިމީހާއާ އެކު ހަނީމޫނަށް ދާން ހަމަޖެހިފައި ވަނީ ސައުތު އެފްރިކާއަށެވެ.

ފިލްމީ ކެރިއަރުގެ ވަރަށް އުހުގައި މިހާރު އުޅެނިކޮށް، އަނުޝްކާ ކައިވެނި ކުރި ނަމަވެސް، ބޮލީވުޑްގެ ބަތަލާއިންނަކީ އާންމުކޮށް ކެރިއަރަށްޓަކައި، ލޯބީގެ ދައުރުގެ ބޮޑު ބައެއް ގުރުބާން ކުރާ ބައެކެވެ.