Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހައްގުތައް ގެއްލެނީ އެ ހައްގުތައް ދިފާއު ނުކުރެވިގެން: ރޮޒޭ

ކޮންމެ ޤައުމެއްގައި ވެސް ހައްގުތައް ނެތިގެން ދަނީ އެ ގައުމެއްގެ ސަރުކާރުން އެ ހައްގުތައް ދިފާއު ކުރުމަށް ނިކުޅެދިގެން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އިދިކޮޅު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ހައްގުތައް ހިމާޔަތް ކުރަން ސަރުކާރުން ނުކުޅެދިފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމާއި ސަރުކާރު ޖަވާބުދާރީ ކުރުމަށް މިނިވަން މުއައްސަސާތަކާއި ޖުޑިޝަރީ އަދި މަޖިލިސް ނުކުޅެދިފައިވާކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ، ސަރުކާރުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ނުކުޅެދޭ ހާލަތުގައި އެ ހައްގުތަކުގެ ހިމާޔަތުގައި ނިކުންނަށް ޖެހެނީ ޖުޑިޝަރީ އާއި ރައްޔިތުންގެ މަޖިލިސް އަދި މިނިވަން މުއައްސަސާތައް ކަމަށެވެ.

އެހެން ނަމަވެސް މިހާރު ފެނިގެން ދަނީ ހުރިހާ މުއައްސަސާތައް ނުކުޅެދިގެން ދިއުމުގެ ސަބަބުން ރައްޔިތުންނަށް ހުރިހާ އިންސާނީ ހައްގުތަކެއް ގެއްލިގެންދާ މަންޒަރު ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

އިންސާނީ ހައްގުތަކުގެ ދުވަހާއި ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން ރޮޒެއިނާ ވިދާޅުވީ، އެބޭފުޅުން ދެއްކެވީ އެބޭފުޅުންނަށް ވަރަށް "މޮޅު ވާހަކަތަކެއް" ކަމަށެވެ. އެހެން ނަމަވެސް އެއީ ހަގީގަތުގައި މޮޅު ވާހަކަތަކެއް ނޫން ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒެއިނާ ވަނީ ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިފައިވާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ސޯޝަލް މީޑިޔާގައި ލިޔެގެން ބްލޮގަރު ޔާމީން ރަޝީދު މަރާލާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒެއިނާ ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާއަކަށް ސިވިލް ސާވަންޓަކު ނުވަތަ ސަރުކާރު ކުންފުންޏެއްގެ މުވައްޒަފަކު ގޮސްފި ނަމަ އެމީހުންނަށް އެކި ގޮތްގޮތުން ސަރުކާރުން ދަތި ކުރަމުންދާ ކަމަށެވެ.