Last Updated: April 25, 18:52
Thursday, April 25, 2024
ދުނިޔެ

އިޒުރޭލްގެ ވެރިރަށަށް ޤުދުސް ހަދަން އީޔޫ ދެކޮޅު

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް އިޒުރޭލުގެ ވެރިރަށަކީ ޤުދުސް ކަމަށް ބަލައިގަތުމުން އީޔޫގެ ރުހުން ހޯދުމަށް އިޒުރޭލުގެ ބޮޑުވަޒީރު ނެތެންޔާހޫ ދިއުމުން އީޔޫއިން އެކަމަށް ދެކޮޅު ހަދައިފިއެވެ.

އަށާވީސް ގައުމު ހިމެނޭ ޔޫރޮޕިއަން ޔޫނިއަނުގެ ގިނަ ލީޑަރުން ވަނީ ފާޅުގައި ނަތެންޔާހޫއަށް ނޫނެކޭ ބުނެފައެވެ. ނަމަވެސް އީޔޫގެ ރަސްމީ ބަހަކީ ޤުދުސްއަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ކަނޑައެޅުމުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރަމުން އައި ސުލްހައިގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ.

އީޔޫ އިން ދެކޭގޮތުގައި ޤުދުސްއަކީ ހަމައެކަނި އިޒުރޭލުގެ ތަނެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި އެއީ ފަލަސްތީނާއި އިޒުރޭލު، ދެގައުމުގެވެސް ބިމެއްގެ ގޮތުގައި ދެމިތިބުމަށް އީޔޫއިން ވަނީ ގޮވާލާފައެވެ.

ނަތެންޔާހޫ ވަނީ ޓްރަމްޕް ވިދާޅުވި ގޮތަށް ގުދުސްއަކީ އިޒުރޭލުގެ ވެރިރަށް ކަމަށް ހެދުމުން ސުލްހައިގެ މަސައްކަތަށް ހަލުވި ކާމިޔާބީއެއް ލިބޭނެ ކަމަށާއި އެމެރިކާއިން އެގޮތަށް ނިންމުމުން އެހެން ގައުމުތަކުންވެސް އެކަން ބަލައިގަނެ އެމެރިކާގެ އަމަލަށް ތަބައަވާނެ ކަމަށް އީޔޫ މެމްބަރުން ގާތު ވިދާޅުވެފައެވެ.

ނަމަވެސް އީޔޫ އިން ޖަވާބުގައި ބުނެފައިވަނީ ޓްރަމްޕްގެ ނިންމުމުން މެދުއިރުމަތީގެ ސުލްހައަށް އެއްވެސް ލުއި ކަމެއް ނުލިބޭނެ ކަމަށާއި އޭގެ ސަބަބުން އުފެދޭނީ އިތުރު ހަމަނުޖެހުން ކަމަށް ބުނެފައެވެ.

މިއީ އިޒުރޭލުގެ ލީޑަރަކު 22 އަހަރު ތެރޭގައި ޔޫރޮޕިއަން ޔޫނިއަން މައި އިދާރާއަށް ހާޒިރުވި ފުރަތަމަ ފަހަރެވެ. ނަތެންޔާހޫ ވަނީ ފްރާންސާއި ބެލްޖިއަމް ފަދަ ގައުމުތަކަށް އިޒުރޭލުގެ ވެރިރަށުގެ ގޮތުގައި ގުދުސް ހެދުމަށް ތާއީދު ހޯދުމަށް ޒިޔާރަތްކޮށްފައެވެ. ނަމަވެސް ގިނަ ގައުމުތަކުން އޭނާއަށް ލިބިފައިވަނީ ފިނި މަރުހަބާއެކެވެ.