Last Updated: June 8, 09:48
Monday, June 8, 2026
ޚަބަރު

ފިޝަރީޒްގެ ޕީއެސް ވަކިކުރި މައްސަލަ ނުބެލޭނެ: ޓްރިބިއުނަލް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުގައި ހުންނަވަނިކޮށް ހުސައިން ސިނާން އެ މަގާމުން ވަކިކުރި މައްސަލައަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިފި އެވެ.

ސިނާން މަގާމުން ވަކިކުރީ މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން ސިވިލް ސަރވިސް ކޮމިޝަނުން ނެރެފައިވާ ސާކިއުލާއެއްގެ ދަށުންނެވެ.

ސިނާން މަގާމުން ވަކިކުރީ މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށްވީ ނަމަވެސް އޭނާ މަގާމުން ވަކިކުރަން ނިންމާފައިވާ ކަން ސީއެސްސީން ވަނީ މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހު ސިނާނަށް ވަނީ އަންގާފަ އެވެ.

ސިނާންގެ ފަރާތުން އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމުން ޓްރައިބިއުނަލުން ނިންމި ނިންމުގައި ބުނެފައިވަނީ ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ ބޭފުޅުންގެ މައްސަލަތައް ޓްރައިބިއުނަލަށް ނުބެލޭނެ ކަމަށެވެ. ސިނާން ހުންނެވީ އެފަަދަ މަގާމެއްގައި ކަމަށްވެސް ޓްރައިބިއުނަލްގެ ނިންމުމުގައިވެ އެވެ.

ޓްރައިބިއުނަލްގެ ނިންމުމުގައި ބުނެފައިވަނީ މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީންނަކީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަންކޮށްފައި ތިއްބަވާ އެ މިނިސްޓްރީގެ ޒިންމާދާރުވެރިޔާ ކަމަށެވެެ. ހިންގުމުގެ އިސް މަގާމުތަކުގައި ތިބޭ މީހުންގެ މައްސަލަތަކަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވެސް ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސިނާނު ހަމަޖެއްސީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.